ވީއޭއެމް އެސޯސިއޭޝަން ކަޕް: އިއްޔެގެ މެޗުތަކުން ސީލައިފް އާއި މޯލްޑިވިއަން އަށް މޮޅެއް

މޯލްޑިވިއަން އާއި ޕޮލިސް ކުލަބް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ މުރާދް ޖީހާން---

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ސީލައިފް ސްޕޯޓްސް ކްލަބް އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗުން ދެޓީމު ވެސް މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ސީލައިފް މޮޅުވީ ސިފައިންގެ ކްލަބާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ސިފައިންގެ ކުލަބުން ގެންގޮސްފައި ވަނީ 15-25 އިންނެވެ. އެހެން ނަމަވެސް ޖެހިގެން އައި ތިން ސެޓްވެސް ސީލައިފް އިން ވަނީ ކާމިޔާބުކޮށްފަ އެވެ. ސީލައިފް އިން ސެޓްތައް ގެންދިޔައީ 20-25، 23-25 އަދި 19-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީލައިފްގެ އިޝާން މުހައްމަދު އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން މޯލްޑިވިއަން މޮޅުވީ ޕޮލިސް ކުލަބާއި ވާދަކޮށް 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓް 27-29 އިން މޯލްޑިވިއަން ގެންދިޔައިރު، ދެވަނަ ސެޓް ވެސް 21-25 އިން ކާމިޔާބުކުރީ މޯލްޑިވިއަން އެވެ. ތިންވަނަ ސެޓް 23-25 އިން ޕޮލިސް ކުލަބު ކާމިޔާބު ކުރި އިރު ހަތަރު ވަނަ ސެޓް 14-25 އިން ގެންދިޔައީ މޯލްޑިވިއަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ މުރާދް ޖީހާން އެވެ.

މުބާރާތުގައި މިއަދު ވެސް ޕޫލް ސީގެ ދެ މެޗު ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ މޯލްޑިވިއަން އާއި ސީލައިފް ސްޕޯޓްސް އެވެ.

comment ކޮމެންޓް