ލީގު ކަޕް މައްސަލައިގައި މޮރީނިއޯއާއި ގާޑިއޮލާއަށް ވެންގާގެ އިންޒާރެއް!

އާސެނަލްގެ ކޯޗް އާސެން ވެންގާ ވަނީ، ލީގު ކަޕާ ގުޅޭ ގޮތުން މޮރީނިއޯއާއި ގާޑިއޮލާ ދެއްކި ވާހަކަތަކާ ގުޅިގެން ހިތްނަމަ ނުޖެހުން ފާޅުކޮށްފައި -- ފޮޓޯ: ގެޓީ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯއާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާ، އިނގިރޭސި ލީގު ކަޕް (ކަރަބާއޮ ކަޕް)އަށް އިހްތިރާމް ކުޑަކުރިކަމަށް ބުނެ، އާސެނަލްގެ ކޯޗު އާސެން ވެންގާ އެ ދެ ކޯޗުންނަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ވެންގާ ބުނީ، މުބާރާތަކަށް އިހްތިރާމް ކުޑަކޮށް، ވަކި މުބާރާތަކީ ބޭކާރު މުބާރާތެކޭ ބުނުމުގެ ހައްގު އެއްވެސް ކޯޗަކަށް ނޯންނާނޭ ކަމަށެވެ.

ވެންގާ މިހެން ބުނެފައި ވަނީ، މިދިޔަ ހަފްތާގައި މެންޗެސްޓާގެ ދެޓީމުގެ ކޯޗުންވެސް ކަރަބާއޮ ކަޕަކީ މުހިއްމު މުބާރާތެއް ނޫންކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކާފައި ވާތީއެވެ.

ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފައި ވަނީ، ކަރަބާއޮ ކަޕް އުވާލި ނަމަވެސް އެއީ ހަނދާނުން ފޮހެ ނުލެވޭނޭ ވަރުގެ މުބާރާތެއް ނޫންކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ސިޓީގެ ކޯޗު ގާޑިއޮލާ ބުނެފައި ވަނީ، ލީގު ކަޕް މުބާރާތަކީ "ހަކަތަ ބޭކާރު ކުރުމަށް" ކުރިއަށް ގެންދާ މުބާރާތެއް ކަަމަށެވެ.

އެހެން ނަމަވެސް ވެންގާ ބުނީ، އެތަކެއް ކްލަބެއް ވާދަކުރަމުންދާ މުބާރާތެއް އެގޮތަށް ގަސްދުގައި ގުރުބާކޮށް ނުލެވޭނޭ ކަަމަށެވެ.

ލީގު ކަޕަކީ، ނޮކްއައުޓް އުސޫލުން ކުޅޭ މުބާރާތަކަށް ވާއިރު، މި މުބާރާތުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅުމުގެ ފުރުސަތު ލިބެނީ ސެމީ ފައިނަލާ ހިސާބުންނެވެ.

އިންގްލޭންޑާއި ވޭލްސްއިން ޖުމުލަ 92 ޓީމު ވާދަކުރާ ލީގު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މެންޗެސްޓާ ޔުނައިޓެޑެވެ.

ބޮޑެތި ކްލަބުތަކަށް، އެފްއޭ ކަޕާއި ޕްރިމިއަ ލީގު ވެސް އޮންނަކަން ފާހަގަކޮށް ވެންގާ ބުނީ، ލީގު ކަޕްގައި ވެސް ރަނގަޅަށް ކުރިއަށް ދެވޭ ޓީމުތަކަށް މުބާރާތުގެ ފަހު ކޮޅުގައި އޭގެ އަގު ލިބޭ ކަމަށާއި އެހެންކަމުން އެއްވެސް މުބާރާތަކީ ބޭކާރު މުބާރާތެކޭ ނުބުނެވޭނޭ ކަމަށެވެ.

ލީގު ކަޕްގެ ހަތަރު ވަނަ ބުރަށް ޓީމުތައް ހޮވިފައި ވާއިރު، އާސެނަލް ވާދަކުރާން ޖެހޭނީ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާ ދެކޮޅަށެވެ. ޔުނައިޓެޑަށް ރަށުން ބޭރުގައި ސުވޮންސީ ސިޓީއާ ވާދަކުރާން ޖެހޭއިރު ސިޓީއަށް ޖެހެނީ އަމިއްލަ ދަނޑުގައި ވުލްވްސްއާ ވާދަކުރާށެވެ.

comment ކޮމެންޓް