ގއ.އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ވަޒީފާ ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ތަމްރީނާއި ވަޒީފާގެ ފުރުސަތު އުފެއްދުމުގެ އެއްބަސްވުމެއްގައި ސަރުކާރާއި ދެ ކުންފުންޏަކާ އެކު ސޮއިކޮށްފި އެވެ.

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓްގެ ނަމުގައި ގއ. ކޫއްޑޫގައި ތަރައްގީކުރި ސިޓީ ހޮޓާ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުންނަށް ތަމްރީނާއި ވަޒީފާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެކުގަ އެވެ.

އެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުނީގެ ޗެއާމަން ރޮނާލްޑް ލިއޯ ސޮއިކޮށްފައިވާ އިރު، ހޮޓެލްސް އެންޑް ރިޒޯޓްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗެއާމަން މުޙައްމަދު ޢަލީ ޖަނާހު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން 1000 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިޔަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ހަމަ އެކަނި ގއ. މިއަތޮޅުގެ ޒުވާނުންނަށް 1000 ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިޔަތަން. އަދި ހަމަ އެހެންމެ އެ 1000 ވަޒީފާއަށް ނެރޭ ކުދިންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގައި ދިނުމުގެ އެގްރީމެންޓެއްގައި ސަރުކާރާ އެކު ސޮއި ކުރެވިގެން ދިޔަ ތަން. ރަސްމީ ގޮތުން މިވެސް ވާނީ މިގޮތަށް ކުރެވޭ ފުރަތަމަ އެގްރީމެންޓަށް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ގއ. އަތޮޅުގައި 750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިނގަމުން އަންނަކަން ފާހަގަ ކުރައްވައި ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ އިންވެސްޓްމަންޓުތަކުގެ އަގު ބިިލިއަން ޑޮލަރަށް އަރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި އެކަން ކަމަކީ ދިވެހިންނަށް ލިބޭ އުފަލެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރޭ ރަސްމީކޮށް ހުޅުވި މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓަކީ 68 ވިލާ ހުންނަ ރިސޯޓެކެވެ. އޭގެ ތެރޭގައި 43 ވޯޓާ ވިލާއާއި 25 ބީޗް ވިލާ ހިމެނެ އެވެ. އޭގެ ތެރެއިން 20 ވިލާއެއްގައި 6x3 މީޓަރުގެ ސްވިމިން ޕޫލް އޮވެ އެވެ.

comment ކޮމެންޓް