އެތުލެޓިކޯ މެޗަށް ޗެލްސީ ތައްޔާރު، އަމާޒަކީ ތިން ޕޮއިންޓް: ކޮންޓޭ

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ: އެތުލެޓީކޯއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާގެ ޓީމު ވަރަށް ރަނގަޅަށް ތައްޔާރަށް އޮތްކަމަށް ކޮންޓޭ ބުނޭ -- ފޮޓޯ: ގެޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ފުޓްބޯޅައިގެ ބާރެއް ކަމަށްވާ އެތުލެޓިކޯ މެޑްރިޑާ ކުރިމަތިލާން ޖެހޭ މެޗަށް ފުރިހަމައަށް ތައްޔާރަށް އޮތްކަމަށް އިނގިރޭސި ޗެމްޕިއަން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ސީ"ގައި ހިމެނޭ މި ދެޓީމުވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާ އިރު، ޗެލްސީ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން، ފަސޭހަ ކަމާއެކު، 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން އަޒަރްބައިޖާންގެ ގަރަބާގް އަތުން މޮޅުވެފައެވެ. އަނެއްކޮޅުން އެތުލެޓީކޯ ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ ރޯމާއާ ވާދަކުރި މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ.

މާދަމާ ރޭ ރާއްޖޭ ގަޑިން 11:45ގައި، އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން ކޮންޓޭ ބުނީ، މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނޭ ކަމަށާއި އެހެން ނަމަވެސް އޭނާގެ ކުޅުންތެރީން ތިބީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

ކޮންޓޭ ބުނީ، ޕްރިމިއަރ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ސްޓޯކް ސިޓީއަތުން 4-0 ލަނޑުގެ ތަފާތަކުން މޮޅުވެފައި ވުމަކީ ކުރިއަށް އޮތް މެޗަށް، އޭނާގެ ކުޅުންތެރީންނަށް އިތުރު ހިތްވަރެއް ލިބިގެންދާނޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމާށެވެ.

"އެންމެ ފަހުން އަހަރެމެން 4-0 ލަނޑުން މޮޅުވި މެޗަކީ ވެސް ފަސޭހަ މެޗެއް ނޫން. އެހެން ނަމަވެސް އެފަދަ މޮޅެއް ލިބިފައި އޮތުމަކީ، ހިތް ހަމަޖައްސާލެވޭނެ ކާމިޔާބީއެއް،" ކޮންޓޭ ބުންޏެވެ.

"މިހާރު ދެން އަހަރެމެންނަށް އޮތީ، ކުރިއަށް އޮތް މެޗަށް އަރާމުކޮށް ރަނގަޅަށް ތައްޔާރުވުން. އެތުލެޓީކޯއާ ދެކޮޅަށް ކުޅޭ މެޗަކީ ބޮޑު މެޗެއް."

ކޮންޓޭ ބުނީ، އެތުލެޓިކޯއާ ދެކޮޅަށް ނުކުންނައިރު ހުރިހާ ކުޅުންތެރީން ވެސް ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އަދި ހުރިހާ ކުޅުންތެރީންގެވެސް އަމާޒަކީ އެ މެޗުން ތިން ޕޮއިންޓު ހޯދުން ކަމަށެވެ.

comment ކޮމެންޓް