ރާއްޖެ ބަދުނާމު ކުރުމަކީ ބޭއިންސާފެއް، ސާބިތު ކޮށްދޭނަން: ރައީސް

ކޫއްޑޫ ސިޓީ ހޮޓާ ހުޅުވުމަށް މިރޭ ކޫއްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމު ރާ ކުކުރުމަކީ ބޭއިންސާފު ބަދުނާމެއްކަން ސާބިތުކޮށްދޭން ގަދައަޅާ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ކޫއްޑޫ ސިޓީ ހޮޓާ ހުޅުވުމަށް މިރޭ ކޫއްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ގަދައަޅާ މަސައްކަތް ކުރަމުން ދަނީ ރާއްޖެއާ ދެކޮޅަށް ބަޔަކު ކުރަމުންދަނީ ބޭއިންސާފު ބަދުނާމުތަކެއްކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

އަދި އެއީ ހަމައެކަނި ސަރުކާރުން ނުވަތަ ވެރިކަން ކުރާ ޕާޓީން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުންވެސް ރާއްޖެ ބަދުނާމު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައި ރާއްޖޭގެ ތަސައްވަރު ބޭރު ދުނިޔޭގައި ރީތި ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ތަސްއްވުރު ނުބައިކުރަން އަޅުގަނޑުމެންގެ ތެރޭންނާއި އަދި ބޭރުން މަސައްކަތްތަކެއް ކުރެވޭ. ކޮންމެ ދައުލަތެއްވެސް ކޮންމެ ގައުމެއްވެސް ކުރިއަރައިގެންދާ ކަމަށް ވަންޏާ ހަސަދަވެރި ބަޔަކު ތިބޭނެ. މީގަ ދެރަކަމަކީ މިކަމަކީ އަޅުގަނޑުމެންގެ ތެރޭން މަރުހަބާ ކިޔައިގެން އުފެދިގެންދާ ކަމަކަށް ވާތީ" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެ ބަދުނާމު ކުރުމަށް ކުރަމުންދާ މަސައްކަތަކީ "އިހުލާސްތެރި ދުލަކުން އިހުލާސްތެރި ހިތަކުން" ކުރެވޭ ކަމަކަށް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެއަކީ އެކި ކަންކަމުގައި ހައްދުފަހަނައަޅާފައިވާ މީހުން ތަމްރީނުކުރާ ތަނެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ބޭރުގެ ފަރާތްތަކުން އެވާހަކަ ދައްކާއިރު ރާއްޖޭގެ ބައެއް ރައްޔިތުންވެސް އެވާހަކަ މާ ބާރަަށް ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަގީގީ މާނައެއްގައި ދިވެހިންނަށް ލިބޭ ތަރައްގީގެ ނިއުމަތްތަކަށް ޝުކުރުވެރިވާ ކަމަށް ވަންޏާ ގަދައަޅާ މަސައްކަތް ކުރަން ޖެހެނީ ދިވެހިރާއްޖެއަށް މި އަންނަ ބޭއިންސާފު ނާއިންސާފު ބަދުނާމުތަކަކީ ހަގީގަތުގައި ވެސް ބޭއިންސާފު ބަދުނާމުތަކެއްކަން ހާމަކޮށް ދޭން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަން ކުރަންޖެހެނީ ގައުމު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން ހަމައެކަނި ރައީސް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންވެސް ގައުމުގައި ވެރިކަން ކުރާނެ ކަމުގެ ވިސްނުން ހުރެ ގައުމަށް ހެޔޮއެދޭ ކަމަށް ވާނަމަ ރާއްޖެ ބަދުނާމުތަކުން ސަލާމަތްކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިހާ ހިސާބުން ދިވެހިރާއްޖެ ބަދުނާމު ކުރަން ކުރާ މަސައްކަތް ހުއްޓާލާށޭ. އަދި ބަދުނާމު ކުރާ އެކުގައި މަސައްކަތް ކުރައްވާ ލީޑަރުން، އެލީޑަރުންނަށް އެހެން ލީޑަރުން ނަސޭހަތްތަރިވާށޭ އެކަން ހުއްޓާލަން. އެއީކީ ވަކި މިސަރުކާރަށް ލިބޭ ގެއްލުމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެ ސިފަކޮށްދޭ ވަރަށް ހައްދު ފަހަނައަޅާފައި ތިބި މީހުން ރާއްޖޭގައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދީނީ ފިކުރުގައި އެކިމީހުން ޝައުގުވެރިކަން ހުންނަ ކަންކަމުގައި ތަފާތުތަކެއް ހުރެދާނެ ކަމަށާއި އެކަމާހެދި ރާއްޖެއަށް ނުބައި ލޭބަލެއް ގެންނަން ކުރާ މަސައްކަތަކީ ހިތާމަކުރި ކަމެއް ކަމަށެވެ.

comment ކޮމެންޓް