ގއ. ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް!

ކޫއްޑޫ އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ގއ. ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވައިފި އެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލިނގިލީގައި އެއާޕޯޓެއް އެޅިދާނެ ކަމަށެވެ. ރައީސް އެހެން ވިދާޅުވީ ކޫއްޑޫ އެއާޕޯޓުގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު (ޖަނާ) އާ ހަވާލާދީ އެވެ.

"އިރާދަކުރެއްވިއްޔާ ވިލިގިލީގައިވެސް އެއާޕޯޓެއް ހެދިދާނެ ކަމުގެ އުންމީދު ޖަނާ އެބަ ދެއްވާ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމުގައި ދެމި ހުރެއްޖެ ކަމަށް ވަންޏާ އެކަން ކޮށްދެއްވާނެ ކަމަށް އެ ވިދާޅުވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި އިރު ކޫއްޑޫ އެއާޕޯޓު އޮންނަނީ ވިލިނގިލިން ފަސް މިނެޓުން ދެވޭ ހިސާބު ކައިރީގަ އެވެ.

މިއަހަރު ތެރޭގައި ތިން އެއާޕޮޓެއްގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވި އެވެ. އެއީ ހދ ކުޅުދުއްފުށީ އެއާޕޯޓާއި ނ މާފަރު އެއާޕޯޓާއި ށ ފަރުކޮޅުފުނަދޫގެ އެއާޕޯޓު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓުތައް ހަދަނީ ވަރަށް ބޮޑު ބޭނުންތަކެއް ހުރެގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރުމުގައި ފަސޭހަތަކެއް ގާއިމް ކުރުމާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ އެންމެ ބޮޑު ބޭނުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މީގެކުރީގައި ޓުއަރިޒަމްގެ ސިނާއަތަކީ މާލެ އާއި މާލެ ކައިރި ސަރަހައްދަށް ހާއްސަވެފައި އޮތް ކަމެއް ޓުއަރިޒަމްގެ ސިނާއަތަނީ، އެއީ އަޅުގަނޑުމެން ރާއްޖޭގެ އެކިހިސާބަށް ދަތުރުކުރަން ދަތިކަމުންނާ އެކީ. އެހެންނަމަވެސް މިފަދަ އެއާޕޯޓުތައް ހެދީމަ އެކި ދިމަދިމާގައި އިންވެސްޓްމެންޓް ހަދައި ވަޒީފާގެ ފުރުސަތު ފަހިވެގެން ދޭ" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ކޫއްޑޫގައި ގާއިމްކޮށްފައިވާ ރިސޯޓު ވެސް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް