ދިވެހި ވިޔަފާރިވެރިންނާއި ތައިލެންޑުގެ ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވަނީ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހުރިހާ ވިޔަފާރި ކުންފުނިތަކަށް ހުޅުވާލައިގެން ތައިލެންޑްގެ ވިޔަފާރި ކުންފުނިތަކާ ގުޅުވައިދިނުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބައްދަލުވުމެއް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ތައިލެންޑާއެކު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މީގެ ކުރިން ވެސް ދެ ބައްދަލުވުމެެއް ބާއްވާފައިވާނެ ކަމަށެވެ.

ތައިލެންޑާއެކުގައި ކުރިން ބޭއްވި ދެ ބައްދަލުވުމަކީ ވެސް ކާމިޔާބު ދެ ބައްދަލުވުން ކަމަށް ތައުފީގު ވިދާޅުވި އެވެ. އެކަމުގެ ހެއްކަކީ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފަވާ ވިޔަފާރީގެ ބައްދަލުވުމަކީ ތައިލެންޑުން އިސްނަގައިގެން ރާއްޖޭގައި ބާއްވަން ބޭނުންވި ބައްދަލުވުމެއް ކަމަށް ތައުފީގު ވިދާޅުވި އެވެ.

ވިޔަފާރީގެ ބައްދަލުވުމުގައި ތައިލެންޑްގެ ފުޑް އެންޑް ބެވަރޭޖް، އޮޓޯ ޕާޓް އެކްސަސަރީޒް، ހާޑްވެއާ ސާމާނު، އެއާކޮންޑިޝަނާ އަދި ރެފްރިޖަރޭޓަރު އުފައްދާ ފަރާތްތަކާއި ސަޕްލައި ކުރާ ފަރާތްތަށް ބައިވެރިވާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ. އެހެންކަމުން ދިވެހި ވިޔަފާރިވެރިން އެ މީހުންނާ ސީދާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ތައުފީގު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ވީހާވެސް ބޮޑަކަށް ސީދާ ސަޕްލަޔަރުންނާ ދިވެހި ވިޔަފާރިވެރިންނާ ގުޅުވިގެން ދިއުން. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަންޑުމެން ދިވެހިންނަށް ހެޔޮ އަގުގައި އެ ތަކެތި ލިބެން ހުންނާނެ،" ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ ރާއްޖެގެ ހުރިހާ ވިޔަފާރިވެރިންނަށް ވެސް އެ ބައްދަލުވުމަށް އައުމުގެ ފުރުސަތު ހުޅުވާލައިފަވާ ކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިންގެ އެ ބައްދަލުވުމަށް އައިސް އެ ބޭފުޅަކު ބޭނުންވާ ދާއިރާއެއްގެ ވިޔަފާރިތަކަކާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ތައުފީގު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ތައިލެންޑުގެ 26 ވިޔަފާރިން ބައިވެރިވާނެ އެވެ.

comment ކޮމެންޓް