އަލިފާން ފަރުބަދައެއްް ގޮވައިފާނެ ކަމުގެ އިންޒާރާ އެކު ބާލީގެ 35000 މީހުން އެ ސަރަހައްދު ދޫކޮށް ދަނީ

އަލިފާން ފަރުބަދަ ގޮވައިފާނެ ކަމުގެ އިންޒާރާއެކު ބާލިގެ ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ޖަމާވެފައި---ފޮޓޯ : ރޮއިޓަސް

އިންޑޮނީޝިއާގެ ބާލީގެ އަލިފާން ފަރުބަދައެއް ގޮވާފާނެ ކަމުގެ އިންޒާރު ދިނުމާ އެކު 35000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި އެވެ. އިންޑޮނީޝިއާގެ އޮފިޝަލުން ބުނާ ގޮތުގައި އެ އަލިފާން ފަރުބަދު ކޮންމެ ވަގުތެއްގައި ވެސް ގޮވައިފާނެ އެވެ.

އަލިފާން ފަރުބަދަ ގޮވަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށުމާ އެކު އިންޑޮނީޝިއާގެ ސަރުކާރުން ވަނީ މައުންޓް އައުންގު ވަށައިގެން ހިމެނޭ 12 ކިލޯ މީޓަރުގެ ސަރަހައްދަކުން މީހުން ހުސްކުރަން ފަށައިފަ އެވެ.

އަލިފާން ފަރުބަދަ ގޮވަން ފަށައިފި ކަމަށް ބުނެ ދައުރުވަމުންދާ ދޮގު ވީޑިއޯތަކާއި ރިޕޯޓްތަކާ މެދު މާބޮޑަށް ހާސްނުވެ ހަމަޖެހިގެން ތިބުމަށް ވެސް އޮފިޝަލުން ވަނީ އިރުޝާދު ދީފަ އެވެ.

"އެންމެ ފަހުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް. އެހެން ނަމަވެސް އެގޮވަނީ ކޮންގަޑިއަކު ކަމެއް ސީދާ ބުނާކަށް ނޭނގޭ،" އިންޑޮނީޝިއާގެ އޮފިޝަލުން ބުންޏެވެ.

އެ ސަރަހައްދު ދޫކޮށް ދިޔަ ގިނަ މީހުން ވަނީ އެކި ވިލެޖްތަކުގައި ޓެންޓުތަކުގައި އާއި ސްކޫލުތަކުގެ ޖިމްތަކާއި ޓައުން ހޯލްތަކަށް ޖަމާވެފަ އެވެ.

އިންޑޮނީޝިއާގެ ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ އެ މީހުންނަށް އެހީ ފޯރުކޮށްދީފަ އެވެ. އަދި އެ މީހުންނަށް އެހީވުމަށް އިންޑޮނޭޝިއާގެ ރައްޔިތުންނަށް ވެސް ވަނީ ގޮވައިލައިފަ އެވެ.

އިންޑޮނީޝިއާގައި 130 އަލިފާން ފަރުބަދަ ހުރެ އެވެ. އަދި އެ ފަރުބަދަތަކުން ނުކުންނަ ލާވާތަކުން ބިންގަނޑު ދަނޑުވެރިކަން ކުރުމަށް ވަރަށް ބޮޑަށް އެކަށީގެންވާތީވެ އެސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެ އެވެ.

comment ކޮމެންޓް