Sun Online
މީގެ 126 އަހަރު ކުރީން މައްކާގެ ރައްބޭރުގައި ޖަހާފައިވާ ހައްޖު ފޭލިގެތަކެއްގެ މަންޒަރު -- ފޮޓޯ: ރެޑްއިޓް.ކޮމް
މީގެ 126 އަހަރު ކުރީން މައްކާގެ ރައްބޭރުގައި ޖަހާފައިވާ ހައްޖު ފޭލިގެތަކެއްގެ މަންޒަރު -- ފޮޓޯ: ރެޑްއިޓް.ކޮމް

ޞަޙާބީންގެ މަތިވެރިކަން -14: ދިލައެއް މިލައެއްނެތް އިންޞާފު

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

މުސްލިމުންގެ ޚުލަފާއުއްރާޝިދޫންގެ ހަތަރުވަނަ ޚަލީފާ ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހުގެ ވާހަކައެއް ޙަދީޘާއި ތާރީޚުގެ ފޮތްތަކުގައި ބަޔާންވެފައިވެއެވެ. އެވާހަކައިގެ ޚުލާޞާ ތިރީގައި މިދަންނަވަނީއެވެ.

ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު ޚަލީފާއަކަށް ހުންނެވި ދުވަސްވަރު އެއްދުވަހަކު ބާޒާރަށް ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ ނަޞާރާއިންގެ މީހަކު ދަހަނާއެއް ވިއްކާން އުޅެނިކޮށެވެ. އެދަހަނާ ފެނިވަޑައިގަތުމާއެކު އެއީ އެކަލޭގެފާނު އަތްޕުޅުން ގެއްލިފައިވާ ދަހަނާކޮޅެއްކަން އެކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. އެދަހަނާކޮޅު ވިއްކާން އުޅުނު ނަޞާރާއިންގެ މިހާގެގާތުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔައީ އަހަރެންގެ ދަހަނާއެކެވެ. ނަޞާރާއިންގެ މީހާ އިންކާރުކުރިއެވެ. އެހިނދު ޢަލީގެފާނު ވިދާޅުވިއެވެ. އެހެންވީއިރު މުސްލިމުންގެ ޤާޟީގެ އަރިހަށް ހިނގާށެވެ. އޭނާ އަހަންނާއި ކަލެޔާ ދެމެދު ނިޔާ ކަނޑައަޅުއްވާނެއެވެ.

އޭރު ކޫފާގައި މުސްލިމުންގެ ޤާޟީއަކަށް ހުންނެވީ ޝުރައިޙު ބުނުލް ޙާރިޘުއެވެ. ހިޖްރައިން 77 ވަނަ އަހަރާ ހަމަޔަށް އޭނާ އެމަޤާމުގައި ހުންނެވިއެވެ. އެދެކަލުން އޭނާގެ އަރިހަށް ވަޑައިގަތުމުން ޤާޟީ ޝުރައިޙު އޭނާ އިންނެވިތަނުން ތެދުވެވަޑައިގެން ޢަލީގެފާނާއި ނަޞާރާއިންގެ މީހާއާ އެއްހަމައެއްގައި އިށީދެވަޑައިގެންނެވިއެވެ.

ޢަލީގެފާނު ވިދާޅުވިއެވެ. އޭ ޝުރައިޙެވެ. އަޅުގަނޑާއި މީނާއާ ދެމެދު ނިޔާ ކަނޑައަޅުއްވައި ދެއްވާށެވެ. ޝުރައިޙު ވިދާޅުވިއެވެ. އޭ އަމީރުލްމުއުމިނީނެވެ. ކަލޭގެފާނުގެ ދަޢުވާއަކީ ކޮބައިތޯއެވެ. ޢަލީގެފާނު ވިދާޅުވިއެވެ. މިއީ އަޅުގަނޑުގެ ދަހަނާއެކެވެ. ދުވަސްކޮޅެއްކުރީން އަޅުގަނޑު އަތުން ވަނީ މި ދަހަނާ ގެއްލިފައެވެ. ދެން، ޤާޟީ ޝުރައިޙު ނަޞާރާއިންގެ މީހާއާ ސުވާލުކުރެއްވިއެވެ. ޢަލީގެފާނު އެވިދާޅުވާ ބަސްފުޅާމެދު ކަލޭގެ ބުނަނީ ކީކޭހެއްޔެވެ؟ ނަޞާރާއިންގެ މީހާ ބުންޏެވެ. އަމީރުލްމުއުމިނީން އެ ވިދާޅުވަނީ އިތުރުފުޅެކެވެ. މިދަހަނާއަކީ އަހަރެންގެ ދަހަނާއެކެވެ.

ޤާޟީ ޝުރައިޙު ޢަލީގެފާނު އަރިހުގައި ވިދާޅުވިއެވެ. ކަލޭގެފާނަށް އެއްވެސް ދަލީލެއް (ހެއްކެއް) ދެއްކެވިދާނެތޯއެވެ. އެހެނީ ހެކި ދައްކަވައިގެން މެނުވީ ކަލޭގެފާނަކަށް މީނާގެއަތުން ދަހަނާ އަތުލެއްވޭކަށެއް ނޯންނާނެއެވެ. ޢަލީގެފާނު ވިދާޅުވިއެވެ. ޝުރައިޙު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. އެއަށްފަހު އެކަލޭގެފާނުގެ ފަރާތްޕުޅުން ދެހެކީން ހުށަހެޅުއްވިއެވެ. އެއް ހެއްކަކީ އެކަލޭގާފާނުގެ ދަރިކަލުން ޙަސަން ރަޟިޔަﷲ ޢަންހުއެވެ. އަނެކަކީ އެކަލޭގެފާނުގެ އަޅު ޤަންބަރެވެ. ޤާޟީ ޝުރައިޙު ވިދާޅުވިއެވެ. ޙަސަނުގެފާނު ފިޔަވައި އެހެން ހެއްކަކު ދައްކަވާށެވެ. ޢަލީގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ޙަސަނުގެ ހެކިބަސް ޤަބޫލުނުކުރައްވަނީތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަސަނާއި ޙުސައިނަކީ ސުވަރުގޭގޭ ޒުވާނުންގެ ވެރީންކަމުގައި ވިދާޅުވެ ކުރައްވައިފައިވާ ޙަދީޡު ކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟

ޤާޟީ ޝުރައިޙު ވިދާޅުވިއެވެ. އަޅުގަނޑު ޤަންބަރުގެ ހެކިބަސް ޤަބޫލުކުރަމެވެ. ނަމަވެސް ޙަސަނުގެފާނުގެ ހެކިބަސް ޤަބޫލެއްނުކުރެވޭނެއެވެ. އެހެނީ ޚުދު ކަލޭގެފާނުގެ އަރިހުން އަޅުގަނޑު ވަނީ އަޑުއަހައިފައެވެ. ބައްޕަޔާ އެއްކޮޅަށް ދަރިޔެއްގެ ހެކިބަހަކީ އިތުބާރުހުރި ހެކިބަހެއްނޫނެވެ. ޢަލީ ރަޟިޔަﷲ ޢަންހު ޤާޟީ ޝުރައިޙުގެ ނިޔާ ޤަބޫލުކުރެއްވިއެވެ.

ނަޞާރާއިންގެ މީހާއަށް މި ޙާދިޘާއިން ވަރަށްބޮޑަށް އަސަރުކުރިއެވެ. އޭނާ ދެންނެވިއެވެ. އަމީރުލް މުއުމިނީނެވެ. މާތްﷲ ގަންދެމެވެ. މިއީ ކަލޭގެފާނުގެ ދަހަނާކޮޅެވެ. ކަލޭގެފާނުގެ ޖަމަލުކޮޅުގެމަތީން މި ދަހަނާކޮޅު ވެއްޓުމުން އަޅުގަނޑު ނެގީއެވެ. ޚުދު އަމީރުލްމުއުމިނީން އަޅުގަނޑާއެކު ޤާޟީގެ އަރިހަށް ވަޑައިގަތުމާއި، ޤާޟީ އަމީރުލް މުއުމިނީނާ ދެކޮޅަށް ނިޔާއެއް ކަނޑައެޅުއްވުމާއި، އަމީރުލްމުއުމިނީން އެނިޔާ ޤަބޫލުކުރެއްވުމަކީ އިސްލާމްދީނުގައިވާ ޢަޖާއިބުވާންޖެހޭފަދަ މޮޅުކަމެކެވެ.

އެއަށްފަހު އެ ނަޞާރާމީހާ ޝަހާދަތުގެ ދެކަލިމަފުޅު ކިޔައި އިސްލާމްވިއެވެ. އޭނާ ބުންޏެވެ. މާތްﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނަކީ މާތްﷲގެ ރަސޫލާކަމުގައި އަޅުގަނޑު ހެކިވަމެވެ. އަމީރުލްމުއުމިނީން ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ކަލޭގެ އިސްލާމްވެއްޖެހިނދު މިދަހަނާ ކަލޭގެއަށެވެ. އަމީރުލްމުއުމިނީން އެދަހަނާކޮޅާއެކު އޭނާއަށް ހަތްސަތޭކަ ދިރުހަމާއި އަހަކާވެސް ދެއްވިއެވެ. އެއަށްފަހު އެ ނަޞާރާއިންގެ މީހާވީ ޢަލީގެފާނުގެ ގާތް އެކުވެރިޔެއް ކަމުގައެވެ. ޞިއްފީނު ހަނގުރާމައިގައި ޢަލީގެފާނުގެ އަރިހުގައި ހަނގުރާމަކޮށް ޝަހީދުވެއްޖައުމަށް ދާންދެނެވެ. (ޙަޔާތުއްޞަޙާބާ : 1/35 – 234)

އިހުޒަމާނުގައި ވެރިންނާމެދު ބެލެވެނީ ޤާނޫނަށްވުރެ މަތީގައި ތިބޭ ބައެއްކަމުގައެވެ. ވެރިޔަކު ޢާންމު އިންސާނުންނެކޭ އެއްގޮތަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވުމަކީ ޚިޔާލަށްވެސް ނުގެނެވޭފަދަ ކަމެކެވެ. މިއަދުގެ ޖުމްހޫރީ ނިޒާމުގައި ޤާނޫނީގޮތުން ވެރިންނާއި ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމުގައި ޚިޔާލުކުރެވުނު ކަމުގައިވިޔަސް މިއަދުވެސް ވެރިކަމުގައިހުރި މީހަކު ޝަރީޢަތަށް ޙާޟިރުކުރެވި ފަނޑިޔާރެއްގެ ގޮނޑީގައި އިންނަ މީހަކަށް އެ ވެރިޔެއްގެ މައްޗަށް ޢާންމު ފަރުދެކޭ އެއްގޮތަށް ޤާނޫނު ތަންފީޒުކުރެވުމަކީ ކުރެވޭނެކަމެއް ނޫނެވެ.

ޤާނޫނުގެ ކުރިމަތީގައި އެންމެން އެއްގޮތަކަށް ޖަވާބު ދޭންޖެހުމަކީ އިންސާނުނީ ޒަމީރު އެދޭ އެދުމެކެވެ. ނަމަވެސް އިންސާނީ ޒަމީރުގެ މިއެދުމަށް ޙަޤީޤީ މާނާގައި ޢަމަލީ ޖަވާބު ލިބިފައިވަނީ ހަމަ އެންމެ ދައުރެއްގައެވެ. ޝައްކެއްނެތްގޮތުގައި އެދައުރަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ދައުރެވެ.

ރަސޫލާ އާއި ޞަޙާބީންގެ ދައުރުގެ ކުރިން ރަސްރަސްކަލުންނާއި ޢާންމު ރައްޔިތުންނާ ދެމެދު ހަމަހަމަގޮތުގައި އިންޞާފު ޤާއިމުކުރެވޭ ވާހަކަ ފެނިފައިވަނީ ހަމައެކަނި ފުލޯކު ވާހަކައިގެ ފޮތްތަކުންނެވެ. ނަމަވެސް ރަސޫލާ އާއި އެކަލޭގެފާނުގެ ޞަޙާބީން އެވާހަކައަކީ ޙަޤީޤީ ދިރިއުޅުމުގެ ޙާދިޘާތަކަކަށް ހެއްދެވިއެވެ.

(ނުނިމޭ...)

infinity loading...
×
DB released 01.