ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީގެ ކުރިން ބޭއްވި ޒުވާނުންގެ ދުވަހުގެ ޖަލްސާއެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ޒުވާނުންގެ އިނާމް 10 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާއިރު މި އަހަރުވެސް ޝަހީދު ޖަވާދު އުމަރުގެ ހަނދާނީފިލާ ދިނުމަށް ހަމަޖެހިފައިވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި 25,000ރ.ގެ ފައިސާގެ އިނާމެއް ދެއެވެ.

ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ހަފުލާ އޮންނާނީ ޒުވާނުންގެ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ގައެވެ.

comment ކޮމެންޓް