ހިމާޔަތެއް ނެތިފައި

26 ޖުލައި 2011 އާ ގުޅޭ

ޔަޒާން އަޒުރާގެ ކޮޓަރިން ނުކުތްއިރު ފެންޑާގައި ލައިބާ ފެންނާކަށް ނެތެވެ. އޭނަ އަވަސް އަވަހަށް އައިސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު ލައިބާ އޭނަގެ އެނދުގައި އޮށޯވެލައިގެން ބިއްދޮށަށް އެނބުރިއޮތެވެ. ލައިބާ ނުނިދާ ހޭލާ އޮތްކަމެއް ޔަޒާންއަކަށް ނޭގެއެވެ. ޔަޒާން މަޑުމަޑުން ކޮޓަރި ދޮރު ލައްޕާލުމަށްފަހު އެތެރެއަށް ވަދެގެން އައިސް އޭނަގެ އެނދުގައި ލައިބާއަށް ބަލަމުން އިށީނެވެ. އޭނަ ލައިބާ ގާތު ކިހިނެތްތޯ އަހާލަން ބޭނުންވެއެވެ. އެކަމަކު ލައިބާ އޭނަ އާއި ވާހަކައެއް ނުދައްކާނެކަން ޔަގީންވެއެވެ. އޭނަ އަޒުރާ ކުރިކަންތައް ކުއްވެރިކުރެއެވެ. އެކަމަކު އެކަމާއި ގުޅިގެން އޭނައަށް ބުނެވޭނެ އެއްޗެއް ނެތެވެ. އަދިވެސް އޭނަ އާއި ލައިބާ ވަނީ އަޒުރާގެ ބެލުމުގެ ދަށުގައެވެ.
ކޮޓަރިތެރެއަށް ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ސަބަބުން ލައިބާ ހީކުރީ ޔަޒާން ނިދީކަމަށެވެ. އޭނަ މަޑުމަޑުން އެނދުގެ މަގަތަށް އެނބުރިލިއެވެ. އޭރުވެސް އޭނަ އާއި ދިމާލަށް ޔަޒާން ބަލަން އިންތަން ފެނުނެވެ.
"ވަރަށް ތަދުވޭ ދޯ، ދައްކަބަލަ ދޮންބެ ބަލާލަން، އަދި ނުވެސް ކައެއްނު މިރޭ ތިއޮތީ، ހިނގާ ކާން ދާން" ޔަޒާންއަށް ލައިބާ ހޭލާއޮތްކަން އެނގުމާއިއެކު ބުނެލިއެވެ. އޭނަގެ އަޑުގައި ފަހަކަށް އައިސް ނުހުންނަ މަޑުމައިތިރިކަމެއް އެކުލެވިފައިވިއެވެ.
"ލައި އެކަކުގެ އެހީއެއްވެސް ބޭނުމެއްނޫން...... ކާކަށްވެސް ބޭނުމެއްނޫން، ނުދާނަން" ރޮއެ ރޮއެ ރަތްވެ ދުޅަވެފައިވާ ލޮލުން ލޯއަޅާލަމުން އަދި ބޮޑަށް ލައިބާ ތުންފިއްތާލިއެވެ.
"ދައްކަބަލަ، ތިހިރީ ގަޔަށް އިލޮށި ކޮޅުތައް ވަދެފައެއްނު، ދެންވެސް ބުނީމަ ބުނާގޮތް ހަދާބަލަ، ލައި ގާތު ބުނިންދޯ މަންމަ ކައިރީ އެއްވެސް ވާހަކައެއް ނުދައްކައްޗޭ......" ޔަޒާން އަދިވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއި އެކުއެވެ.
"މަންމަ ގަނޑުވެސް އުޅެނީ ގޯސްކޮށް، މިގޭގަ އުޅެނީވެސް ހުސް ގޯސް މީހުން......" ލައިބާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އޭރު ޔަޒާން ލައިބާގެ ގާތުގައި އީށީނދެއްޖެއެވެ. އަދި މަޑުމަޑުން ލައިބާގެ އަތާ ތަންތަނަށް ހެރިފައި ހުރި އިލޮށިކޮޅުތައް ނައްޓަދޭން ފެށިއެވެ.
"އަހަރެން ލައިބާ ގާތު މިބުނަނީ އެއީ ގޯސް ކަމެއް ނޫނޭ، އެހެންނޫނަސް ލައިގެ ދެން ކޮންބައެއް ތިބީ، އެއީ ލައިގެ މަންމައެއްނު، މީ ލައިގެ ދޮންބެއެއްނު....... ލައިބާއަށްވުރެ ބޮޑެތި މީހުން ބުނާގޮތް ހަދަންވާނެއެއްނު........މަންމަވެސް ރުޅިއެއްނައިސް ދޯ ލައިބާ އެވާހަކަ ނުދައްކާނަމަ، އަނެއްކާ އިސްކޫލުގަ އެވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ، ލައިބާއަށް ކާންދީ ހަދަނީ ހަމަ އެމަންމައެއްނު، ކުރިންވެސް އަހަރެން ބުނިން ލައިބާ އެކަހަލަ ވާހަކަދެއްކިއަސް މަންމަ ގަބޫލެއްނުކުރާނެއޭ، ބައިވަރު މީހުންނަށް އެވާހަކަތައް އަޑުއިވުނީމަ ވާނީ ކިހިނެތްކަން އެނގޭތަ، އޭރުން ލައިބާ ޖެހޭނީ ޖަލަށްދާން، އެތަނުގަ އަދި މާގޯސް ކުދިން އުޅޭނެ، ލާނެ ހެދުމެއްނުލިބޭނެ، ކާކަށްނުދޭނެ، އަބަދު އެކަންތައްތައް ކުރަން ޖެހޭނީ...... އެއަށްވުރެ މިގޭގަ އުޅުން މާރަނގަޅެއްނު، އަޅެ ލައިބޭނުންތަ ޖަލަށްދާން" ޔަޒާން އެކިއެކި ވާހަކަތަކުން ލައިބާ ރުއްސަމުން ދިޔައެވެ.
ލައިބާ ބޯހޫރުވާލީ އޭނަ ޖަލަށްދާން ބޭނުންނުވާ ވާހަކަ ބުނުމަށެވެ. އަދި މަޑުމަޑުން ޔަޒާން އޭނައަށް އެހީވަންދެން އޮތެވެ. ބައެއްފަހަރަށް ޔަޒާންގެ ފަރާތުން ލައިބާއަށް ކެތްނުކުރެވޭހާ ވޭން ލިބުނަސް ޔަޒާންގެ ރަނގަޅުގޮތެއް ހުރެއެވެ. އެކަމަކު އެއީވެސް ހައްލެއްނޫނެވެ. ޔަޒާން ބޭނުން ނުވަނީ އެހެން މީހުން ލައިބާއަށް އަނިޔާކުރާށެވެ. އެއަށްވުރެ އޭނަ ލައިބާ ބޭނުންވެއެވެ. އޭނަ އަމިއްލައަށެވެ.
ދުވަސްތައް މާޒީވެ ހަޔާތުގެ ސޮފުހާތަށް އޮޅެމުންދިޔައެވެ. ލައިބާއަށް ބާރަ އަހަރު ފުރުންއިރު އޭނަ މިހާރު މަސައްކަތް ކުރަނީ އަޒުރާ އާއި ޔަޒާން ހިތްއުފާވާހާ ގޮތަކަށް އުޅެވޭތޯއެވެ. ނޫނީ އަމިއްލަ ހަށިގަނޑަށް ލިބޭ ވޭން މާބޮޑެވެ. ހިތަށްލިބޭ ނުތަނަވަސް ކަމާއި ލޮލަށް ޖަމާވާ ކަރުނަ ހިއްސާކުރަނީ އޭނަގެ ހުރިހާ އަޑެއްއަހަމުން އަންނަ ލުބާ އާއެވެ. ލުބާ އޭނަގެ ހިތްއުފާކޮއްދެއެވެ. ކުދިކުދި ކަންތައްތަކުންނެވެ. ބައެއް ދުވަސްދުވަހު އަތިރިމައްޗަށް ހިނގާލަން ގެންދެއެވެ. މީރުވަސްދުވާ ރީތިހާ މާމެލާމެލި އޭނައަށް ގެނެސްދެއެވެ. ލައިބާގެ ހަށިގަނޑުގައި ބޭރަށް ފެންނަން ހުންނަ ޒަހަމްތަކުގައި ބޭސްއަޅައިދެއެވެ. ލައިބާއަށް އަބަދު ކުޑަކަމުދެވުމާއި ބޮޑުކަމުދެވުމުގައި ދިމާވާ މައްސަލަތައް ހައްލުކޮއްދިނެވެ. އެހެންނަމަވެސް ލައިބާދެރަވާ އޮންނަނީ އެންމެ ކަމެކެވެ. އެއީ ލުބާ އެގޭތެރެއަށް ވަންނަން ފަސްޖެހޭތީއެވެ. ކީއްވެކަމެއްނުބުނެއެވެ. ބައެއްފަހަރު ގޭތެރޭގައި ހިނގާ އާދަޔާ ހިލާފު ހާދިސާތައް ގުޅިފައިވަނީ ލުބާ އާއިކަމަށް ލައިބާއަށް ހީވެއެވެ. އެކަމަކު އޭނައަށް އެކަން ގަބޫލެއްނުކުރެވެއެވެ.
ލައިބާގެ އިސްކޫލް ދައުރުވެސް ނިމުނީއެވެ. ހަގީގަތަށް ބުނަންޏާ ނިމުނީކީ ނޫނެވެ. އަޒުރާއަށް ސްކޫލުގެ ފަރާތުން އަންނަ ޕްރެޝަރގެ ބޮޑުކަމުން ލައިބާ އިސްކޫލުން ވަކިކުރީއެވެ. ޝިޔާޒު ލައްވާ ސިޓީއެއް ލިޔެގެން އިސްކޫލަށް ސިޓީލީ، ލައިބާ އަތޮޅުގެ ވެރިރަށުގައި ހުންނަ ސްކޫލަށް ވެއްދުމަށް ބުނަމުންނެވެ. ލައިބާ ގާތުވެސް އަޒުރާ ބުނީ އެހެންނެވެ. އެކަމަކު އެދުވަހެއް ދުވަހަކު ނައެވެ. މިހާރު ލައިބާއަށް އަޒުރާ އެހެން ހެދީ ކީއްވެކަން އެނގެއެވެ.
ލައިބާގެ އުމުރުން ބާރަ އަހަރު ވީއިރު އޭނަގެ އިސްކޮޅަށާއި ރޫފައަށްވެސް ބަދަލުއައެވެ. ކުރިއަށްވުރެ އިސްކޮޅުން ދިގުކަމުގައިވިޔަސް އަދިވެސް އޭނަ ހުންނަނީ ޔަޒާންއަށްވުރެ ކުރުކޮށެވެ. ހަށިގަނޑުގެ ވަނާތަކުގެ ފާޅުކަން ބޮޑުވުމުގެ ސަބަބުން އޭނަ ބޭރަށް ނުކުމެ ހަދަން ލަދުގަނެވެ. އެހެނީ ޒުވާން ފިރިހެން ކުދިންގެ ތޫނު ބެލުންތައް އޭނައަށް އަމާޒުވެގެން ދާތިއެވެ. ލާފައި ހުންނަ ހެނދުން ކިތަންމެ ދޫކޮއް ހުއްޓަސް، ހެނދުން ހުންނަނީ ދެމޭފޮތީގައި ފަހާފައި ކަމަށްވާތީ ފެންނަފެނުމަށް އެހުންނަނީ ހަށިގަނޑުގެ ބައްޓަމަށެވެ. ލައިބާގެ މުށިކުލައިގެ އިސްތަށިގަނޑުވެސް އައްސާ ގަތާ ހެދޭވަރަށް ދިގުވެއްޖެއެވެ. ހަށިގަނޑުގައި އެތަންމިތަނުގައި ލަކުނު ލާފައިވިއެއްކަމަކު އެމޫނުއަދިވެސް ވަނީ މައުސޫމްކަމުން ފުރިފައެވެ. ކުރަކިވެފައިވިއެއްކަމަކު އަދިވެސް އެތުންފަތުގެ ރީތިކަމާއި އެރީތި ހިތްގައިމު ހިނިތުންވުން މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭހަވެއެވެ. އަޅިކުލައިގެ ކަޅިއެއް ލިބިފައިވާ އެރީތި ބޮޑު ދެލޮލުގެ ވިދުމުން މީހުންގެ ލޯތަށް ތަރަތަރަ ޖަހައިގެން ދާހާވެއެވެ. އެހެންނަމަވެސް އެމާވަނީ ފަރިނުވަނިސް ބިނދެލާފައެވެ. އެއްވެސް ރަޙުމެއްނެތް ގޮތަކަށެވެ.
ޔަޒާންވެސް ލައިބާއެކޭ އެއްގޮތަށް އިސްކޫލަކަށް ނުދެއެވެ. އެކަމަކު އޭނަ އިސްކޫލުން ވަކިކުރީ ގްރޭޑް ހަތެއްގައި ދެއަހަރު ބެހެއްޓުމުންވެސް ފާސްނުވެގެންނެވެ. ޔަޒާންގެ ގިނަވަގުތު އޭނަ ހޭދަކުރަނީ ގޭތެރޭގައެވެ. ގޭގެ ގޯތިތެރޭން ބޭރަށް ނުކުންނަން އޭނަ މިހާރު ޖެހިލުންވަނީއެވެ. ޔަޒާންގެ ހިތްބިރުގަންނަގޮތްވަނީއެވެ. އަނެއްކޮޅުން އޭނައަށް އެއްބާރުލުން ލިބެމުންދިޔަ ދެއެކުވެރިންވެސް ރަށުގައި ނެތުމުންނެވެ. ނަޒްމީ އާއި ފައިޒަން އަތޮޅުގެ ވެރިރަށަށް ބަދަލުވީ، އަތޮޅުތެރޭގައި ހުރި ހަމައެކަނި ޖީސީ އާއި ހަމައަށް ކިޔަވައިދޭ އިސްކޫލު ހުރީ އެރަށުގައި ކަމަށްވީތީއެވެ. އެމީހުން އެނބުރި ރަށަށް އަންނަނީ ލިބޭ ޗުއްޓީއެއްގައެވެ. އަންނަފަހަރު ޔަޒާން އާއިއެކު މަޖާކުރުމުގައި އުޅެއެވެ. ބޮޑުވަމުން އައިވަރަކަށް ގެއާދުރުގައި ތިބެ ރަށުއަންހެން ކުދިންނާ ފޮށެ ހަދައެވެ. ކޮންމެ ފަހަރަކު އެނބުރި ދަނީ އެނޫންގޮތެއް ނެތިގެންނެވެ. ރަޒިއްޔާފަދަ މަންމައަކު ބުނާގޮތް ނުހަދާ އުޅެން އެކުދިންނަށް ނުކެރެނީއެވެ. އަދިވެސް އެމީހުންގެ ކަންތައްތައް އޮންނަނީ ސިއްރެއްގެ ގޮތުގައެވެ. މިއަހަރަކީ އެމީހުންގެ ފަހު އަހަރަށްވުމާއިއެކު ޔަޒާން އިންތިޒާރު ކުރަމުންދިޔައީ ފައިޒަން އާއި ނަޒްމީ އެނބުރި ރަށަށް އަންނާނެ ދުވަހަކަށެވެ.
ޔަޒާންއަށްވެސް ސޯޅައަހަރު ފުރުނުއިރު ރަށުގައި އުޅޭ ރީތި އަންހެން ކުދިންގެ މެދުގައި އޭނަގެ ނަންވެސް ކިޔެންފަށައިފިއެވެ. ދިގުއިސްކޮޅަކާއި ނިތްކުރިމައްޗަށް ވެރިފައި އޮންނަ ބޯ ކަޅު ފަންއިސްތަށިކަނޑާއި ދަތްދޮޅީގައި އިންނަ އަޑިކޮޅުން އަންހެން ކުދިންގެ ހިތްތަކަށް ހަންޖަރުގެ ހަމާލަށް އަރަންފަށައިފިއެވެ. އެއްފަހަރާ ތިން ހަތަރު ކުދިންނާއި ރައްޓެހިވެގެން އުޅެއެވެ. އަޒުރާ ގޭގައި ނޫޅޭ ވަގުތުތައް ބަލާފައި އެކުދިން ގެއަށް ގެނެއެވެ. ލައިބާއަށް އެއްވެސް ފަރުވާލެއްނެތިއެވެ. އެހެންނަމަވެސް ކޮންމެރެއަކުވެސް ލައިބާއަށް ޔަޒާންގެ ހިތްއުފާކޮއްދޭން މަޖުބޫރުކުރުވައެވެ. އަޒުރާ އޭނައަށް ރުފިޔާވެސް މިހާރު ދެއެވެ. މޯބައިލް ފޯނެއްވެސް ހޯދަދީފިއެވެ. އެއީ އޭނަ އަޒުރާގެ ހިތްހަމަޖައްސާ ދިނުމުގެ އަގެއެވެ.
ޔަޒާން އާއި އަޒުރާގެ ގުޅުންވެސް ލައިބާއަށް އެނގޭތާ އަހަރުވެއްޖެއެވެ. ލައިބާ ވަކިންބޮޑަށް އަޒުރާދެކެ ފޫހިވިއެވެ. އަޒުރާއަށް މަންމަކިއުންވެސް އޭނަ މިހާރުވަނީ ހުއްޓާލާފައެވެ. އޭނަ ބަލަނީ ގިނަފަހަރަށް ޔަޒާން އާއި އަޒުރާ އާއި ދެމީހުންނާ އަނގައިން ނުބުނެ އުޅެވޭތޯއެވެ. މިހާރު ގޭގައި އަޒުރާއަށް ކެއްކޭ ކަމަކަށްވެސް ނުވެއެވެ. ގޭތެރެ ސާފުކޮށް ކައްކާ އެއްޗެހި ދޮވެވެސް ހަދަނީ ލައިބާއެވެ. އެކަންތައް ކުރުމުން އޭނައަށް އެގެއިން ކާއެތިކޮޅާއި އަންނައުނު ލިބެއެވެ. މިހާރުވެސް އޭނަ ދޮވެދޮވެގެން ލަނީ އެންމެ ފަސް ހެދުމެވެ. ނަސީބަކުން ބާސިފަ ހެދުންތަކުގައި ނުޖަހަނީ ދެމޭފޮތިން ފަހާފައި ހުންނާތީއެވެ. އަޒުރާއަށް ލައިބާ ރީތިވެލައިގެން ހުރިތަން ފެނިއްޖެނަމަ ވަރަށް ކަންބޮޑުވާނެއެވެ. އެދުވަހު ލައިބާ ބޭރަށް ބޯދިއްކޮއްލައިގެންވެސް ނުވާނެއެވެ. ދުވަސް ވާވަރަކަށް ރީތިވާނީ އުމުރުން ޅަކުއްޖާއެއްނޫންހެއްޔެވެ. ދުވަސްވެ އުމުރުން މައްޗަށް ދިޔައީމަ އަދިވެސް ޒުވާންވާނެހެއްޔެވެ. އަޒުރާ ކަންބޮޑުވަނީ އެހެންވެއެވެ. ލައިބާގެ ރީތިކަން މީހުންނަށް ފެނި އޭނަ އާއި ލައިބާ އަޅާކިޔާކަށް އޭނަ ބޭނުމެއްނޫނެވެ. އެއީ އޭނަގެ ދަރިއަކަށް ވިއެއް ކަމަކުވެސްއެވެ.
ޔަޒާން ފައިޒަން އާއި ނަޒްމީ ރަށުގައި ހުއްޓަސް ހަވީރު ގަޑީ ބޭރަކަށްނުދެއެވެ. އެމީހުން އެކުރާ ކަމެއް ކުރަނީ ޔަޒާންމެން ގޭގައެވެ. އެހެން އެކަންތައް ބަދަލުވީވެސް ސަބަބަކާއި ނުލައެއްނޫނެވެ. އެގޮތުން ޔަޒާން އާއި އޭނަގެ ރަޙުމަތްތެރިން ހަވީރު ފިނިޖެހިލުމާއިއެކު ވަލުތެރެއަށް އެމީހުން ދާތަނަށް ދިޔަ ދުވަހެކެވެ. އެމީހުންގެ މަސައްކަތުގައި ލޭހޫނުވެފައިވަނިކޮށް ކުއްލިއަކަށް ޔަޒާންގެ ބުރަކަށީގައި ހީވީ ތޫނު ވަކިތަކަކުން އަޅުވާލިހެންނެވެ. ޔަޒާންއަށް އައްދޯޔޭ ކިޔާ ނަޒްމީގެ ކުރިމަތީ އިނދެފައި ތެދުވެވުނެވެ. އަދި ވަށައިގެން ހޯދާލިއިރު އޭނަގެ އެއްފަރާތުގައި ފައިޒަން އާއި ކުރިމަތީހުރި ގަހުގައި ލެނގިލައިގެން ހުރި ނަޒްމީ އާއި ވަށައިގެންވި ބޮޑެތި ގަސްތައް ފިޔަވައި އިތުރު އެއްވެސް ހިލަމެއްނުވިއެވެ. ކަންބޮޑުވެ ސިހުނެއްކަމަކު ނަޒްމީ އެދުނީ އެނބުރި މަސައްކަތައް ދިއުމަށެވެ. ދެވަނަ ފަހަރަށްވެސް ހީވީ މީހަކު އޭނަގެ ބުރަކަށީގެ ހަންގަނޑު އިރާލިހެންނެވެ. ކުރިއަށްވުރެ ބާރަށް ހަޅޭލަވައިގަންނަމުން އޭނަ ތެދުވިއެވެ. އޭރު ކައިރީގައި ހުރި ފައިޒަންގެ ދެލޯވަނީ ބޮޑުވެފައެވެ. ނަޒްމީވެސް އަވަސް އަވަހަށް ގަމީސް ރަނގަޅުކޮއްލަމުން ފައިޒަންއަށް ލޮލުގެ އިޝާރާތުން ކިހިނެތްތޯ ވީ އަހާލިއެވެ. އޭރު ޔަޒާން އޭނަގެ ބުރަކަށީގައި އަތްލާން މަސައްކަތްކުރިއެވެ. ނަގާދިލައިން އޭނައަށް އެހެންއެއްވެސް ކަމަކާ ވިސްނޭވަރެއް ނުވިއެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު