ގޯލްމާލް އަގެއިން: 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ފުރަތަމަ ހިންދީ ފިލްމް ޓްރައިލާ

"ގޯލްމާލް އަގައިން"ގެ ޕޯސްޓަރެއް

ސައުވީސް ގަޑިއިރު ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ފުރަތަމަ ހިންދީ ފިލްމު ޓްރެއިލާ އަކަށް "ގޯލްމާލް އަގެއިން" ވެއްޖެއެވެ.

"ގޯލްމާލް" ފްރެންޗައިސްގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެކެވެ. ގިނަ ބަޔަކު "ގޯލްމާލް އަގެއިން"ގެ އިންތިޒާރުކުރަމުން އަންނަ އިރު އެ ފިލްމު ނުކުންނަން މާ ގިނަ ދުވަހެއް މިހާރު ނެތެވެ.

"ގޯލްމާލް އަގެއިން"ގެ ޓްރެއިލާއަށް ވަނީ ޔޫޓިއުބުން އެކަނިވެސް އެއް ދުވަސް ތެރޭ 15 މިލިއަން ވިއުސް ލިބިފައެވެ. އެއާއެކު އެ ފިލްމު ވެފައިވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، 24 ގަޑިއިރު ތެރޭގައި 20 މިލިއަން ވިއުޒް ލިބުނު ފުރަތަމަ ހިންދީ ފިލްމު ޓްރެއިލާ އަށެވެ.

ކޮމެޑީ ސީރީޒް "ގޯލްމާލް"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2006 ވަނަ އަހަރު އެވެ. އެހެން ފިލްމުތަކާ އެއްގޮތަށް ކުރިއަށް އޮތް ފިލްމުގެ ވެސް ފިރިހެން ލީޑުން ފެނިގެން ދާނީ އަޖޭ ދޭވްގަން އެވެ. އަދި އަންހެން ލީޑުން ފެނިގެންދާނީ ޕަރިނީތީ ޗޯޕްޅާ އެވެ.

އޭގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާނެ އެކްޓަރުންނަކީ ކުނާލް ކޭމޫ، އަރްޝަދު ވާރްސީ، ޝްރެޔަސް ތަޅްޕަޅޭ އަދި ތުޝާރު ކަޕޫރެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުގައެވެ. އެއާއެކު "ގޯލްމާލް އަގެއިން" 4000 އަށް ވުރެ ގިނަ ސްކްރީންގައި އެއްފަހަރާ ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ބުންޏެވެ.

comment ކޮމެންޓް