ބިލެއްފަށްސަށް ކަރަންޓުދީފި

ށ. ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެފައި. އެތަން ވަނީ އެއްކޮށް ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ހޮނހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ށ. ބިލެއްފަހީ އިންޖީނުގެ އަނދައި ހުލިވެފައިވާތީ، ވަގުތީ ސެޓަޕެއް ހެދުމަށްފަހު އެރަށަށް މިރޭ ކަރަންޓުދީފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މިރޭ 12:27 އެހައިކަންހާއިރު ވަގުތީ ސެޓަޕް ގާއިމްކޮށް މުޅި ރަށަށް ކަރަންޓުދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާގައި އިންޖީނުގެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާތީ ވަގުތީ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

އެރަށަށް ކަރަންޓްދީފައި ވަނީ އެއަތޮޅު ފޭދޫއިން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ގެންގޮސްގެނެވެ.

އަލިފާންރޯވީ ޖަނެރޭޓަރުގެ ޓާބޯގައި ކަމަށާއި ހާދިސާ ހިނގިގޮތަށް ބަލާއިރު، ފުރާނައަށް ނުރައްކާވެދާނެކަމަށް ބެލެވޭތީ ޑިއުޓީގައި ތިބި މުވައްޒަފުން އިންޖީނުގެއިން ނުކުތީ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ބޮޑުމިނުގައި ގާތްގަނޑަކަށް 1.9 ކިލޯ މީޓަރު އަދި ފުޅާމިނުގައި 600 ވަރަކަށް މީޓަރު ހުންނަ ބިލެއްފައްސަކީ އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ރަށެކެވެ.

comment ކޮމެންޓް