ދައުރު ނިމުމުގެ ކުރިން 15،000 ފުލެޓުގެ ވައުދު ފުއްދާނަން: ރައީސް

1،000 ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 414 ޒުވާނުން ފޮޓޯގްރާފަރުންގެ ގޮތުގައި ދަސްވެނިވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރުގެ ތެރޭގައި 7000 ފްލެޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަދި އަންނަ އަހަރު 8،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ އެއްހާސް ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން 414 ޒުވާނުން މިރޭ ދަސްވެނިވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ފާޑުު ވިދާޅުވާ މީހުން ފްލެޓްގެ ވާހަކަ އަބަދުވެސް ދައްކަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ ދައުރު ނިމިގެން ދިއުމުގެ ކުރިން 15000 ހައުސިންގ ޔުނިޓް އެޅުމުގެ ވައުދު ފުއްދޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގެދޮރުވެރި ކުރުމުގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ހުއްޓާލާފައި ގެދޮރުވެރި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހަމައެކަނި އެ މަސައްކަތައް އިސްކަން ދޭނަމަ ދެން ހުރި ޒަރޫރީ ބޭނުންތައް ހުއްޓާލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގެދޮރުތައް ބިނާކޮށް އެތަންތަން އާންމުނަށް ހުޅުވާލާއިރު އެ ތަންތަނަކީ ހަމަ ގައިމުވެސް ހިލޭ ލިބޭނެ ތަނެއް ނޫން ކަމަށާއި އެތަނުގައި ދިރިއުޅެވޭނީ ފައިސާ ވެސް ދެއްކިގެން ކަމަށެވެ. އެހެން ކަމުން އެ ގެދޮރުތަކަށް ވަންނަން ތިބި ޒުވާނުންނަކީ ފައިސާ ލިބޭނެ މަގު ތަނަވަސް ވެފައިވާ ބަޔަކަށް ވުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.

އިތުރު ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއިރު ދާދި ފަހުން ވަނީ ފްލެޓު ލިބޭ 661 ފަރާތްތަކުގެ ލިސްޓު އިއުލާންކޮށްފަ އެވެ. އަދި ބައެއް ރަށްރަށުގައި ވެސް ފްލެޓް ދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް