މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންނަކީ އަމަލީ ގޮތުން ބައިވެރިވި މީހުން: ފުލުހުން

ރޭ މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި، ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއެއް ވެއްޓިފައި-- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކޮށްފައިވާ ތިން މީހުންނަކީ ވެސް އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުން ކަމަަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މާފަންނު ދުނބުރި މިސްކިތް ސަރަހައްދުގައި ރޭ ހިންގި މާރާމާރީގައި ތިން މީހަކަށް ޒަހަމްވިއިރު، އޭގެ ތެރެއިން ވ. ކެޔޮދޫ، ދޭލިޔާގެ، މޫސާ އަހްމަދު މަނިކު، 19، ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި މާލޭގައި މާރާމާރީއާ ރޭވިގެން ހިންގާ ކުށްތައް ވަރަށް ބޮޑަށް މަދުވެފައިވާ ވަނިކޮށް ރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލާފައި ވާތީ އެކަމާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ތިން މީހުންގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައި ނުވާއިރު، ފުލުހުން ބުނީ ބުނެފައި ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ވެސް އަމަލީ ގޮތުން އެ ކަމުގައި ބައިވެރިވި ތިން މީހުން ކަަމަށެވެ.

ފުލުހުން ބުނެފައި ވަނީ މިހާރު އެ މައްްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު މީގެ ކުރިން ހިނގާފައިވާ މިފަދަ މައްސަލަތައް ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށެވެ. އަދި އަމަން އަމާންކަން ގާއިމުކޮށް ކުށްތައް މަދުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ރޭ ހިންގި އަނިޔާވެރި މާރާމާރީގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށާއި އަދި އެ ރަހުމް ކުޑަ އަމަލު ހިނގި މީހުންގެ ތަހުގީގު ހިންގައި ޝަރީއަތުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާކަން ވެސް ވަނީ ބުނެފަ އެވެ.

ރޭ ހިންގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެފައިވާއިރު 24 އަހަރުގެ ޒުވާނާއަށް އަދިވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އަދި އަނިޔާވި 16 އަހަރުގެ ކުޑަކުއްޖާ މިހާރު ވަނީ ފަރުވާދިނުމަށް ފަހު ދޫކޮށްލާފައެވެ.

comment ކޮމެންޓް