ރޮހިންގާ ފަންޑަށް އެމްޑަބްލިއުއެސްސީން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފި

އެމްޑަބްލިއުއެސްސީން އެއް މިލިއަން ރުފިޔާ ރޮހިންގާ ފަންޑަށް ހަދިޔާ ކުރަނީ--

ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ގައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން މީޑީއާތަކާ ގުޅިގެން ކުރިއަށް ގެންދާ ޓެލެތޯނަށް މިއަދު ހަވީރު އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ފައިސާ ހަދިޔާ ކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އައިބީއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސަހީލް ޖަލީލްއެވެ. ޓެލެތޯންގެ ފަރާތުން ފައިސާއާ ހަވާލުވެލެއްވީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.

އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ފަންޑް ރެއިޒިން ހަރަކާތަށް އެހީވެދިން ފަރާތްތަކުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ އިތުރުން ކުންފުނީގެ ކަސްޓަމަރުންވެސް ހިމެނެއެވެ.

އެ ފައިސާ ހަވާލު ކޮށްދެއްވުމަށްފަހު ފެންކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ނިކަމެތިކަން ގެނުވަމުންދާއިރު އެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ފެން ކުންފުނީގެ ބޯޑު އަދި މުވައްޒަފުންނަށް ލިބިގެންދާ ހިތްހަމަޖެހުމެއް ކަމަށެވެ.

ފަޒުލް ވަނީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތައް ޝުކުރު އަދާ ކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީ ގެ އިތުރުން ވެސް ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ވަނީ އެ ފަންޑަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވާ ފައެވެ. އެގޮތުން މިއަދު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ފަރާތުން، 1,036,613.10 ރުފިޔާ ހަދިޔާކޮށްފައެވެ.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް، އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން، މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ ދެ ދުވަހުގެ ޓެލެތޯނަށް މިހާތަނަށް 8.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް