ފެންބޯސާގެ އަށް ވަނަ ބައްދަލުވުން އަފްޣާނިސްތާނުގައި ފަށައިފި

މިއަދު ބޭއްވި ފެންބޯސާ ބައްދަލުވުމުގެ ތެރެއިން ---

ފޯރަމް އޮފް އިލެކްޓޯރަލް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތް އޭޝިއާ (ފެންބޯސާ)ގެ އަށް ވަނަ ބައްދަލުވުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ފަށައިފިއެވެ.

މިއަދު ހެނދުނު ރާއްޖޭގެ ގަޑިން 9:30 ގައި ފެށި އެބައްދަލުވުމުގެ ޗެއާގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓެވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާއެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން އަމްޖަދު ދެއްކެވި ވާހަކަފުޅުގައި އިންތިޚާބުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސާކުގެ އަށް ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ފެންބޯސާ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވާހަކަފުޅުދައްކަވަނީ --

ތަފާތު އެކި ސަބަބުތަކާ ހެދި ފެބްބޯސާގެ ބައްދަލުވުމެއް އަފްޣާނިސްތާނުގައި ނުބޭއްވިދިޔަތާ އަހަރުތަކެއްފަހުން މިއަދު އެ ބައްދަލުވުން އެ ގައުމުގައި ބޭއްވިފައިވާތީ އެކަން އަމްޖަދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސާކު ގައުމުތަކުގެ އިންތިޚާބީ ނިޒާމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންތަކުގެ މެދުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރާނެއެވެ.

މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމުގެ އަންނަ އަހަރު ބާއްވާގެ ރިޔާސަތުކަން މިއަދު ވަނީ އަފްޣާނިސްނތާނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް