ރޮހިންގާ މުސްލިމުންނަށް ކުރާ އަނިޔާ ސައުދީން ކުށްވެރިކުރުމުން ޔަމަނުގެ ހޫތީން މަލާމާތްކޮށްފި

އދގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވާހަކަދައްކަވަނީ ---

މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމުންނަށް ދޭ ލާ އިންސާނީ އަމަލުތައް ކުށްވެރިކޮށް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވާހަކަ ދެއްކުމުން ޔަމަނުގެ ހޫތީ އަންސާރުއްﷲ ޖަމާއަތުން އެކަމަށް މަލާމާތްކޮށްފި އެެވެ.

ސައުދީން ޔަމަނަށް ހަމަލާދޭން ފެށުމާއެކު ޔަމަނަށް ވަނީ އިންސާނީ މުސީބާތެެއް ކުރިމަތިވެފަ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ސައުދީން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބޭއްވި ބައްދަލުވުމުގައި ޖުބައިރު ވަނީ ރޮހިންގާ މުސްލިމުންގެ ހާލަތާ ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

"މިޔަންމާ ސިފައިން ރޮހިންގާ މުސްލިމުންނަށް އަނިޔާދީ އެ ގައުމުން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ކުށްވެރިކުރަން،" ޖުބައިރު ވިދާޅުވި އެވެ.

ހޫސީންގެ ސްޕޯކްސްޕާސަން މުހައްމަދު އަބްދުއްސަލާމް ވިދާޅުވީ ސައުދީން މިޔަންމާ ސަރުކާރުން ރޮހިންގާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ކުށްވެރިކުރާއިރު ސައުދީން ޔަމަނުގެ މުސްލިމުންނަށް ދެމުންގެންދާ ލާ އިންސާނީ އަމަލުތައް ނުފެންނަ ކަމަށެވެ.

ސުލްހައިގެ އިނާމު ހަމައެކަނި ހައްގުވަނީ މިޔަންމާގެ އައުންގް ސެން ސޫޗީ އަށް ނޫން ކަމަށާއި ޔަމަނަށް ހަމަލާ ދޭ ސައުދީ ކޯލިޝަނަށް ވެސް އެ އިނާމު ހައްގުވާ ކަމަށް ބުނެ މުހައްމަދު ވަނީ ސައުދީއަށް ވަރަށް ބޮޑަށް މަލާމާތްކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް ސައުދީން ޔަމަނުގެ ސަދާ ޕްރޮވިންސަށް ދިން ވައިގެ ހަމަލާތަކެއްގައި ވަނީ އާންމުންގެ ފަސް މީހުން މަރުވެފަ އެވެ.

ދެހާސްފަނަރަ ވަނަ އަހަރުން ފެށިގެން ސައުދީން ޔަމަނަށް ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް ވަނީ 12،000 މީހުން ވަނީ މަރުވެފަ އެވެ. އަދި ދާދި ފަހުން ހަލުވިކަމާއެކު ކޮލެރާ ފެތުރެން ފެށުމުން ޔަމަނަށް ވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ.

comment ކޮމެންޓް