ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި

ޕާކިސްތާނުން ރާއްޖެއައި މީހާ ގެނައި މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުން ރާއްޖެ އައި 31 އަހަރުގެ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ މީހާގެ އަތުން އެ ތަކެތި އަތުލައިގެންފައި ވަނީ އޭނާގެ އަމަލުތައް ހުރި ގޮތުން ކަސްޓަމްސް ޕެސެންޖާ ކްލިއަރެންސް އޮފިސަރުންނަށް ޝައްކުވެގެން އެ މީހާ އިތުރަށް ބަލައި ފާސްކުރުމުންނެވެ. އެގޮތުން އެ މީހާގެ ޓްރޯލީ ބޭގުގެ ތިން ފުރޮޅަކުން މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ވަނީ ފެނިފަ އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެން ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި ޖުމްލަ 640 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

އެމީހާ އާއި އޭނާ ގެނައި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

comment ކޮމެންޓް