ޚިޔާނާތުގެ 30 ދައުވާއަށް ޖަވާބުދާރީވާން ޒިޔަތަށް ފުރުސަތުދީފި

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު -- ސަން ފައިލް ފޮޓޯ

އެމްއެމްޕީއާރްސީގެ ކުރީގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތުގެ 30 ދައުވާއަކަށް ޖަވާބުދާރީވާން އޭނާ އަށް މިއަދު ކްރިމިނަލް ކޯޓުން ފުރުސަތުދީފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ނިންމެވީ، ޒިޔަތުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާތީ އެ ދައުވާތަކަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ދިނުމަށެވެ. އެގޮތުން ދައުވާތަކަށް ޖަވާބުދާރީވުމުގެގޮތުން ބާއްވާ އަޑުއެހުން އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން މިއަދު ގާޒީ ވަނީ ނިންމާފައެވެ.

އެދުވަހުގެ އަޑުއެހުމުގައި އޮންނާނީ ދައުލަތުން ދައުވާ ހުށަހެޅުމާއި، ޒިޔަތުގެ ފަރާތުން ދައުވާ އަށް ޖަވާބުދާރީވުމެވެ.

ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައި ވަނީ ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާތަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ޚިޔާނާތުގެ މައްސަލައެއް ސާބިތުވެ ޒިޔަތު މިހާރުވެސް އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ހަވާލުކުރި ކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ.

comment ކޮމެންޓް