'ޑާންސް ޕްލަސް 3' ކާމިޔާބު ކުރީ ބިރް ރާދާ!

ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯވ، 'ޑާންސް ޕްލަސް 3'ގެ އެއްވަނަ 18 އަހަރުގެ ބިރް ރާދާ ހޯދައިފިއެވެ.

'ޑާންސް ޕްލަސް' ގައި ބޮލީވުޑްގެ ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ސުޕަރ ޖަޖެއްގެ ގޮތުގައި ބައިވެރިންގެ ހުނަރަށް މާކްސް ދޭ އިރު، ތިން ކެޕްޓަނުންގެ އިރުޝާދުގެ ދަށުން ޝޯވގެ ބައިވެރިން ތިން ގްރޫޕަކަށް ބަހާލައެވެ.

ޝޯގައި ކެޕްޓަނުންގެ ގޮތުން ބައިވެރި ވެފައި ވަނީ، ޒީޓީވީ އިން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯވ 'ޑާންސް އިންޑިއާ ޑާންސް' ގެ ދެވަނަ ސީޒަނުގެ އެއްވަނަ ހޯދި ޝަކްތީ މޯހަން، ދެވަނަ ހޯދި ދަރްމޭޝް ޔެލާންދޭ އަދި ތިންވަނަ ހޯދި ޕުނީތު ޖޭ ޕަންކަޖްއެވެ.

ޝޯވ ގައި ކެޕްޓަން ޕުނީތު ޕަންކަޖްގެ ގޭންގް ތަމްސީލު ކުރަމުން ދިޔަ ބިރް އެއްވަނަ ގެންދިޔައީ އަމަރްދީޕް ސިންގ، އާރްޔަން ޕަޓްރާ، ތަރުން އަދި ޝިވާނީ އާއި ވާދަކޮށްގެންނެވެ.

ޝޯވ ކާމިޔާބު ކުރުމުން ބިރް އަށް ވަނީ 25 ލައްކަ ރުޕީޒްގެ ފައިސާގެ އިނާމަކާއި، ކާރަކާއި، އޮއްޕޯ ފޯނެއްގެ އިތުރުން ސައިކަލެއް ލިބިފައެވެ.

އަދިވެސް އެއްވަނަ ލިބުނުކަން ގަބޫލު ނުކުރެވިފައި ހުރި ބިރް ބުނީ ޝޯވ ގައި ބައިވެރިވެވުމަކީ އޭނާ އަށް ލިބުނު ޝަރަފެއް ކަމަށާއި، ރޭމޯ އާއި ސްޓާ ޕްލަސް އިން އޭނާ އަށް މުޅިން އާ ދިރިއުޅުމެއް ހޯދައިދީފައިވާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ސަޕްރައިޒެއް. އަހަރެން ހިތަކަށް ވެސް ނާރާ އެހާ ގިނަ ބަޔަކު އަހަންނަށް ތަރުހީބު ދޭން ތިބިކަމަކަށް. އެންމެ ފާހަގަ ކޮށްލަން ބޭނުން ވަނީ ޕުނީތު ސަރ ގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން. މި މޮޅު ޚާއްސަ ވަނީ ޕުނީތު ސަރ އަށް،" ބިރް ބުންޏެވެ.

ބިރް ވަނީ ޝޯވ ގެ އަނެއް ދެ ކެޕްޓަނުން ކަމުގައިވާ ޝަކްތީ އަދި ދަރްމޭޝްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ޝޯގެ ފިނާލޭ އެޕިސޯޑު ސްޓާ ޕްލަސް އިން ގެނެސްދޭނީ މި ރެއެވެ. ފިނާލޭގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެފައި ވަނީ ޕްރަބޫ ދޭވާއެވެ.

މިދިޔަ އަހަރު ޝޯ ކާމިޔާބު ކުރީ ކެޕްޓަން ދަރްމޭޝްގެ ޓީމުގައި ހިމެނުނު އުމުރުން 14 އަހަރުގެ ތަނޭ މަޅާރާ އެވެ.

comment ކޮމެންޓް