އެމެރިކާގެ ބާރު ދައްކާލުމުގެ ގޮތުން އެގައުމުގެ އަސްކަރީ ބޯޓުތައް އުތުރު ކޮރެއާ ކައިރިއަށް

ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ސޯލް (ސެޕްޓެމްބަރު 24): އެމެރިކާގެ ބާރު ދައްކާލުމުގެ ގޮތުން އެގައުމުގެ ބޮން އަޅާ ބޯޓުތައް އުތުރު ކޮރެއާ ކައިރިން އިއްޔެ ދަތުރުކޮށްފި ކަމަށް ޕެންޓަގަންއިން ބުނެފި އެވެ.

ޮެޕެންޓަގަން އިން ބުނި ގޮތުގައި އެއީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ވަކިކޮށްދޭ ބޯޑަރު ކައިރިން، އުތުރު ކޮރެއާއާ އެންމެ ގާތަށް އެމެރިކާގެ ބޯޓުތައް މިގަރުނު ތެރޭގައި ދިޔަ ފުރަތަމަ ފަހަރެވެ. އަދި އޭގެއިން ދައްކުވައިދިނީ އުތުރުގެ އަމަލުތަކާ މެދު އެމެރިކާ އިން ސީރިއަސްވެފައިވާ މިންވަރު ކަމަށް ޕެންޓަގައިން ބުންޏެވެ.

"އެއީ އެމެރިކާއަށް އޮތް ކޮންމެ ނުރައްކަލެއް ނައްތާލުމަށް ރައީސަށް ގިނަ އަދަދެއްގެ އަސްކަރީ ގޮތްތައް ބޭނުން ކުރެވިދާނެ ކަމާއި، އެމެރިކާގެ ހިތްވަރު ދައްކާލުމަށް ކުރިއަށްގެންދިޔަ މިޝަނެއް،" ޕެންޓަގަންގެ ތަރުޖަމާނު ޑާނާ ވައިޓް ވިދާޅުވި އެވެ.

މީގެ އިތުރުން ޕެންޓަގަން އިން ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ސީރިއަސް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެމެރިކާ އާއި އދ. އިން އުތުރު ކޮރެއާއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެގައުމުން ވަނީ ހަތިޔާރު ޓެސްޓު ކުރުން ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.

އެމައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާ ނައްތާލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެއަށް ރައްދު ދެއްވަމުން ޓްރަމްޕަކީ ސިކުނޑި ހަމަނުޖެހޭ ބޭފުޅެއް ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވުމާ ގުޅިގެން، ކިމް އަކީވެސް މޮޔަ ބޭފުޅެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް