މަދިރިން ސަލާމަތް ވުމަށް ނިޕޯން ޕެއިންޓް މޮޒީ ގާޑު ރާއްޖެ އަށް ތައާރަފުކޮށްފި

ސިންގަޕޫރު ނިޕޯން ޕެއިންޓްގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓުގެ ސީނިއާ މެނޭޖަރު ހެންރީ އަންގް ނިޕޯން ޕެއިންޓްގެ މޮޒީ ގާޑް ރާއްޖެއަށް ތައާރަފްކުރަނީ --

އެސްޓީއޯ ހޯމް އިމްޕްރީވްމެންޓުން ނިޕޯން ޕެއިންޓްގެ މޮޒީ ގާޑް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

އިއްޔެ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ގެސްޓްހައުސް ކޮންފަރެންސްގައި ނިޕޯން ޕެއިންޓްގެ މޮޒީ ގާޑު ރާއްޖެ އަށް ތައާރަފު ކޮށްދެއްވީ ސިންގަޕޫރު ނިޕޯން ޕެއިންޓްގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓުގެ ސީނިއާ މެނޭޖަރު ހެންރީ އަންގް އެވެ.

ހެންރީ ވިދާޅުވީ، އަލަށް ތައާރަފް ކުރި ނިޕޯން ޕެއިންޓަކީ ތިމާވެއްޓާ ރައްޓަހި އަދި މަދިރީގެ އުނދަގޫ ކުޑަކޮށްދޭނެ ދަވާދެއް ކަމަށެވެ. މަދިރިއަކީ އިންސާނުންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންވާ އެއްޗެއް ކަމަށާއި އެ ދަވާދުގެ ސަބަބުން މަދިރި ނައްތާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލަށް ތައާރަފު ކުރި ދަވާދުގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން އެ ދަވާދު ލާފައި ހުންނަ ތަނެއްގައި މަދިރި ޖައްސައިފި ނަމަ މަދިރި މަރުވާނެ ކަމަށް ހެންރީ ވިދާޅުވި އެވެ. އަދި އެ ދަވާދަކީ ސިންގަޕޫރު ގްރީން ބިލްޑިންގް ކައުންސިލް އިން ތިމާވެއްޓާ ރައްޓަހި އުފެއްދުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އުފެއްދުމެއް ކަމަށް ވެސް ހެންރީ ވިދާޅުވި އެވެ.

މަދިރިން ސަލާމަތް ވުމަށް އަލަށް ތައާރަފު ކުރި ނިޕޯން ޕެއިންޓް މޮޒީގާޑް ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ އެސްޓީއޯ އިންނެވެ.

comment ކޮމެންޓް