ރޭގެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

ރޭ މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ މާފަންނު ދުނބުރި މިސްކިތް ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މާރާމާރީގައި 16 އަހަރުގެ ކުޑަކުއްޖަކާއި، 24 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިފައިވާ އިރު، އޭގެ ތެރޭން 19 އަަހަރުގެ ޒުވާނާ ވަނީ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވެފައެވެ. އަދި އަނެއް ޒުވާނާއަށް އަދިވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އަދި 16 އަހަރުގެ ކުއްޖާއަށް ވެސް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ، ވ. ކެޔޮދޫ، ދޭލިޔާގެ، މޫސާ އަހްމަދު މަނިކެވެ.

ރޭ މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި، ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއެއް ވެއްޓިފައި-- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ރޭގެ މާރާމާރީ ހިންގި ސަރަހައްދުގައި، އެކަމުގައި ބައިވެރިވި މީހުން ދުއްވަން ގެންގުޅުނު ދެ ސައިކަލަކާއި، ހަމަލާދިނުމަށް ބޭނުންކުރި ވަޅިއެއް މަގުމަށްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވެއެވެ.

ވަޅިން ހަމަލާދީ ރޭ ޒުވާނަކު މަރާލާފައި ވާއިރު، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް މާލޭގައި ވަނީ މިފަދަ މާރާމާރީތަކެއްގައި ދެ ޒުވާނަކު މަރާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 24 އަހަރުގެ ނަދީމް އަބްދުއްރަހީމް އާއި ރ. މީދޫ ފެންފިޔާޒުގޭ އުމުރުން 25 އަހަރުގެ އަހްމަދު އަނަސް އެވެ.

comment ކޮމެންޓް