ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއެއްގައި ޒަޚަމްވި އެކަކު މަރުވެއްޖެ

މިރޭ މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުޙައްމަދު އަފްރާހް

މާލޭގައި މިރޭ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޚާދިސާގައި ސީރިއަސް ޒަޚަމްތަކެއް ލިބުމުގެ ސަބަބުން އޭގެ ތެރޭން އެކަކު މަރުވެއްޖެ އެވެ.

ފުލުހުން ވަނީ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަން ޔަގީން ކޮށްދީފައެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހްމަދު މަނިކެވެ.

އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޒަޚަމްތަކަކާއެކު އެ ހޮސްޕިޓަލަށް ގެނައި ދެމީހުންގެ ތެރޭން އެކަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ، 19 އަހަރުގެ ފިރިހެނެއް ކަމަށާއި އަދި މިހާރު ފަރުވާދެމުން ދަނީ 24 އަހަރުގެ ޒުވާން ފިރިހެނަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހޮސްޕިޓަލަށް އޭނާ ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރުން ވިދާޅުވަނީ،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ދެވަނަ މީހާއަށް ވެސް ސީރިއަސް ޒަޚަމްތަކެއް ލިބިފައި. މިވަގުތު އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ބުނަން ދަތި. ޑޮކްޓަރުން ދަނީ އޭނާއަށް ފަރުވާދެމުން."

އެނގިފައިވާ ގޮތުގައި އެ ދެމީހުން ޒަހަމް ކޮށްލާފައިވަނީ މާފަންނު އައިޓަމްސް ހުންނަ ގޯޅި ތެރޭގައެވެ.

comment ކޮމެންޓް