ޗައިނާއިން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޗައިނާއިން ވަނީ އުތުރު ކޮރެއާއަށް ތެޔޮ އެކްސްޕޯޓު ކުރުން މަދު ކުރަން ނިންމާފައި -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (ސެޕްޓެމްބަރު 23): ޗައިނާއިން އުތުރު ކޮރެއާއަށް ތެޔޮ އެކްސްޕޯޓު ކުރާ މިންވަރު މަދުކޮށް، އެގައުމުން ޓެކްސްޓައިލްސް ގަތުން ހުއްޓާލަން ނިންމާފައިވާ ކަމަށް ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދުން ފެށިގެން އުތުރު ކޮރެއާއަށް އެކްސްޕޯޓު ކުރާ ގުދުރަތީ ގޭހުގެ މިންވަރު މަދު ކުރަން ނިންމާފައިވާ އިރު، އަންނަ މަހުގެ އެކަކުން ފެށިގެން ރިފައިންޑް ޕެޓްރޯލިއަމްގެ ބާވަތްތައް ވިއްކާ މިންވަރު މަދު ކުރާނެ އެވެ. އަދި ޗައިނާއިން އެފަދައިން ނިންމާފައި ވަނީ އދ.ގެ ސަލާމަތީ މަޖިލީހުން އެކުލަވާލި ގަރާާރާ އެއްގޮތަށް ކަމަށް ބަޔާނުގައިވެ އެވެ.

އެ ގަރާރުގައިވާ ގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޗައިނާއިން އުތުރު ކޮރެއާއަށް އެކްސްޕޯޓު ކުރާ ރިފައިންޑް ޕެޓްރޯލިއަމްގެ މިންވަރު ގިނަވެގެން ދެ މިލިއަން ފީފާއަށް މަދުކުރަން ޖެހެ އެވެ.

ބައެއް ރިޕޯޓުތަކުގައި ލަފާކޮށްފައިވާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް ޗައިނާއިން އުތުުރު ކޮރެއާއަށް އެކްސްޕޯޓު ކުރި ރިފައިންޑް ޕެޓްރޯލިއަމްގެ މިންވަރު 2.2 މިލިއަން ފީފާއަށް އަރަ އެވެ. އަދި އުތުރު ކޮރެއާގެ ޓެކްސްޓައިލްސް ޗައިނާއިން ގަތުން ހުއްޓާލުމުން އެއް އަހަރު ތެރޭ އެ ގައުމަށް 700 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އދ.ން ނިންމީ އެ ގައުމުން ހަވަނަ ފަހަރަށް ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެންނެވެ. (ބީބީސީ)

comment ކޮމެންޓް