''ބޮސް''ގެ ޓްރެއިލަރއަށް 11 ދުވަސްތެރޭ ލައްކައަކަށް ވުރެ ގިނަ ވިއުސް!

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއްގައި ޔުނާން އާއި އައްޒަ -- ފޭސްބުކް ފޮޓޯ: ބޮސް

ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމު "ބޮސް"ގެ ފޭސްބުކް ޕޭޖަށް، އެ ފިލްމުގެ އޮފިޝަލް ޓްރެއިލަރ ދޫކޮށްލިތާ 11 ދުވަސްތެރޭ 100،000އަށް ވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް، ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ، "ބޮސް"ގެ އޮފިޝަލް ޓްރެއިލަރ ފޭސްބުކަށް އަޕްލޯޑްކޮށްފައި ވަނީ، ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. މި ޓްރެއިލަރ ލޯންޗުކުރިތާ 11 ދުވަސް ތެރޭ 100،000 ވިއުސް ލިބިފައި ވާއިރު، މިވީ 14 ދުވަހުގެ ތެރޭގައި އެ ޓްރެއިލަރ ބަލާފައިވާ އަދަދު 108،000ށް ވުރެ މައްޗަށް އަރައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ވެސް މިފަހަކަށް އައިސް ޓްރެއިލަރތައް ރިލީޒްކުރުމަށް ފަހު ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން ވަރަށް ބޮޑަށް ފިލްމުތައް ޕްރޮމޯޓްކުރެއެވެ. އެގޮތުން، ފޭސްބުކަކީ ދިވެހީންގެ މެދުގައިވެސް އެންމެ މަގުބޫލު ސޯޝަލް މީޑިއާ ވަސީލަތްކަމަށް ވާއިރު، މިހާރު ރިލީޒްކުރާ ކޮންމެ ދިވެހި ފިލްމެއްގެ ވެސް ޓީޒާރސް، ޕޯސްޓަރ، އަދި ލަވަތައްވެސް ވަރަށް ފޭސްބުކްގައި ޕްރޮމޯޓްކުރެއެވެ.

ފާގަހަކޮށްލަން ޖެހޭ ކަމަކީ މީގެ ކުރީން ފޭސްބުކްގައި މިގޮތަށް އެންމެ ގިނަ ބަޔަކު ބަލާފައިވާ ދިވެހި ފިލްމެއްގެ ޓްރެއިލަރއަކަށް ވެފައިވަނީ، ސީދާ ނަހުލާ ޑައިރެކްޓްކޮށް، އޭނާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާފައިވާ ބިރުވެރި ފިލްމް "4426"ގެ ޓްރެއިލަރއެވެ. 15 ޖުލައި 2016ގައި ފޭސްބުކަށް ދޫކޮށްލި "4426"ގެ އޮފިޝަލް ޓްރެއިލަރއަށް ވަނީ 10 ވަރަކަށް ދުވަހުގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ވިއުސް ލިބިފައެވެ. އަދި މިހާތަނަށް އެ ޓްރެއިލަރއަށް 223،0000އަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ނަހުލާގެ "4426" އާއި "ބޮސް" އަށް ފަހު، ދެން އެންމެ ގިނަ ވިއުސް ލިބިފައިވާ ޓްރެއިލަރއަކީ، މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަބްދުލް ފައްތާޙްގެ "ހައްދު"އެވެ. 22 ޖުލައިގައި ފޭސްބުކަށް އަޕްލޯޑްކުރި "ހައްދު"ގެ އޮފިޝަލް ޓްރެއިލަރއަށް 49،000އަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، 15 ޖުލައިގައި އަޕްލޯޑްކޮށްފައިވާ އެ ފިލްމުގެ "ފަސްޓްލުކް"އަށް 73،000 ވިއުސް ލިބިފައިވެއެވެ.

އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ، ދިވެހި ފިލްމު "ބޮސް"، ނުވަތަ "ކިސް"އަކީ، ދިވެހި ފިލްމުތަކަށް ލޯބިކުރާ ހިތްތަކުން އަދިވެސް ފޮހެވިގެން ނުދާ މަޝްހޫރު ފިލްމުތައް ކަމަށްވާ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ، ލޯތްބާއި ޖަޒުބާތުން ފުރިގެންވާ، "ނަހޫ ސްޓައިލް"ގެ ލޯބީގެ ފިލްމެކެވެ.

ބޮސްގެ ޓްރެއިލާރއިން ފެނިގެންދާ ގޮތުގައި، ރާއިދު (ޔުނާން)އާއި އިބާ (އައްޒަ) އާ ދިމާވަނީ އިބާގެ ލޯބިވެރިޔާގެ ފަރާތުން ލިބިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހުއްޓައެވެ. އިބާގެ ވާހަކަތަކުން ދޭހަވާގޮތުން ރާއީއާ ދިމާވި ހިސާބުން އޭނާގެ މުޅި ހަޔާތް ބަދަލުވެގެންދެއެވެ. އަދި އޭގެ ފަހުން ދިމާވާ ހާދިސާތަކަށް ފަހު ދެމީހުން އެކަކު އަނެކަކާ ވަކިވާން ޖެހިދާނެތީ އެ ދެމެދުގައި އެ ބަދަލުކުރެވޭ އަސަރުގަދަ މުއާމަލާތްތަކުން ބެލުންތެރީންގެ ލޯތައް ކަރުނައިން ބަންޑުންކޮށްލާނޭ ކަމުގެ ޔަގީންކަން، ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑަކްޝަން ޓީމުން ވެސް ދެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށެވެ.

މިހާރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ، ނަހޫގެ "ބޮސް"ގެ ޓިކެޓް، މިމަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ވިއްކަން ފަށާނެއެވެ.

comment ކޮމެންޓް