މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިންޑިއާގެ ފަސް މީހަކު ގަމުން ހައްޔަރުކޮށްފި

އިންޑިއާއިން ގަމަށް އެތެރެވީ މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަސް ބިދޭސީއަކު އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ފަސް މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ސްރީލަންކާ އިން ރާއްޖެ އައި ފްލައިޓަކުން މަސްތުވާތަކެތި އެތެރެކުރުމުން ކަމަށެވެ.

އެ ފަސް މީހުންގެ އަމަލުތަށް ހުރިގޮތުން ކަސްޓަމްސްގެ އޮފިޝަލުންނަށް ޝައްކުވެގެން ބަލައިފާސްކުރުމުން މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ 30 ރަބަރު ޕަކެޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނުގައިވެއެވެ.

އެމީހުންގެ އަތުން އަތުލި ތެކެތި ޓެސްޓްކުރުމުން 17 ޕަކެޓްގައި ހުރި 4.132 ކިލޯގެ ތަކެތިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އޭގެތެރެއިން ހަތަރު ޕަކެޓްގައި ހުރި 1.826 ކިލޯގެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިކަމަށް ކަސްޓަމްއިސް ބުންޏެވެ.

ބާކީ ނުވަ ޕެކެޓްގައި ހުރި 285 ގުރާމުގެ ތަކެތިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތަށް ޕޮޒިޓިވް ވެފައިކަމަށާއި އެތަކެތެ ޖުމްލަ ބަރުދަނަކީ 6.423 ކިލޯ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މަސްތުވާތަކެތި އެތެރެކުރީ އިންޑިއާ އަށް ނިސްބަތްވާ ފަސް މީހެއް ކަމަށާއި އެއީ 27 އަހަރާއި 29 އަހަރާއި 39 އަހަރުގެ ތިން ފިރިހެނުންނާއި 53 އަހަރާއި 32 އަހަރުގެ ދެ އަންހެނުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެމީހުންނާއި އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

comment ކޮމެންޓް