މަގޫދޫގައި މޫދަށް ބާލަން އުޅުނު ދޯންޏެއް ކޮންޓްރޯލް ނުކުރެވި އަޑިއަށް ހިގައްޖެ

މަގޫދޫގައި އިއްޔެ ބާލަން އުޅުނު ދޯންޏެއް އަޑިއަށް ގޮސްފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް

ފ. މަގޫދޫގައި މޫދަށް ބާލަން އުޅުނު ދޯންޏެއް ކޮންޓްރޯލް ނުކުރެވި ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ އެވެ.

މަގޫދޫ އިން 'ސަން' ާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިއްޔެ މެންދުރު ބާލަން އުޅުނު 'ރަންތަރި' ދޯނި އަޑިއަށް ދިޔައީ ދޯނި ބާލާއިރު ކޮންޓްރޯލް ކުރުމަށް ފަހަތުގައި ޖަހާފައިވާ 'ވާ' އައްސާފައި ހުރުމުން ލަކި ޖެހިގެން ގޮސް ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.

"އެ ވާ އައްސާފައި ނެތް ނަމަ ރީތިކޮށް ގޮސް މޫދުގައި ދޯނި އިންނާނީ. ނަމަވެސް ފަހަތުގައި ޖަހާފައި އިން ވާ އައްސާފައި ހުރުމުން ލަކި ޖެހިގެން ކަނޑައިގެން ގޮސް ދޯނި ކޮންޓްރޯލް ގެއްލުނީ،" އޭނާ ބުންޏެވެ.

މަގޫދޫގައި ހުންނަ "ބިކާކޯ މިލާނޯ"ގެ އައުޓް ޕޯސްޓްގައި ބޭނުން ކުރާ އެ ދޯނި ބޭލުމުގައި ހަރަކާތްތެރިވި އެ މީހާ ބުނީ ދޯނި ކޮންޓްރޯލުން ނެއްޓި ދިއުމުގެ ތެރޭގައި ފަހަތު ދެ ތިން މަޑުލެއް ފަޅައިގެން ގޮސް ދޯނި ތެރެއަށް ލޮނު ވަދެގެން އަޑިއަށް ދިޔައީ ކަމަށެވެ.

"އަދިވެސް އެއްކޮށް ދޯނި ފެންމައްޗަށް ނެގޭ ގޮތް ނުވެގެން މިއުޅެނީ. ދޯނި ފެން މަތި ކުރުމަށް ޓަކައި ބޮޑެތި ފީފާތަކަކަށް ކޮންޕްރެޝަރުގެ އެހީގައި ވައި ޖަހައިގެން މަޑަމަޑުން މައްޗަށް އަރަމުން ދަނީ،" އޭނާ ބުންޏެވެ.

ދޯނީގެ ފަހަތް ކޮޅު އެއްކޮށްހެން އަޑީގައި އޮތް އިރު އޭނާ ބުނީ ދޯނި އަލުން ބޭނުން ކުރަން ފެށޭނީ އަނެއްކާ ވެސް އެއްގަމަށް އެރުވުމަށް ފަހު އިންޖީނާއި ބޮޑު މަރަމާތުތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.

comment ކޮމެންޓް