ވާގިނެތިފައިވާ މަންމައަށް އެހީވެދިނުމަށް އެދި ދަރިއަކު ކުރަމުންދާ އާދޭސް

ފަތިމަތު ވަހީދާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި-- ފޮޓޯ/ އާއިލާ

އައިމިނަތު ޝަބާ ސަލީމަކީ ލ.ކަލައިދޫ އަށް އުފަން އެ ރަށު ކަށިމާގެ ފާތިމަތު ވަހީދާ އަށް ލިބުނު ދެކުދިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ދަރިއެވެ. އޭނާގެ ބޭބެ ވަނީ ވަރަށް ޅައުމުރު މަރުވެފައެވެ. ޝަބާގެ އުމުރުން މިހާރު 24 އަހަރުވެފައިވާއިރު އޭނާ ދަނީ އޭނާގެ ބަލި މަންމައަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޝަބާގެ މަންމަ ފާތިމަތު ވަހީދާ އަށް ވާގިނެތޭ ބަލި ޖެހުނީ 2004 ވަނަ އަހަރުއެވެ. ފާތިމަތު އަށް އެހެން ވީ ސީދާ ކޮން ސަބަބަކާ ހުރެ ކަން އޭރު ނޭނގުނު ނަމަވެސް ލަފާ ކުރެވޭ ގޮތުގައި އެހެން ދިމާވަން ޖެހުނީ އޭނާއަށް ޖެހުނު ސްޓްރޯކެއްގެ ސަބަބުންނެވެ. އޭނާގެ ވާތް ފަޅިން ވާގި ދިޔަނަމަވެސް އޭނާ އަށް އޭރު މާ ބޮޑު ފަރުވާއެއް ދެވިފައެ ނުވެއެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ އަސާގަނޑެއްގެ އެހީގައެވެ. އުމުރުގެ ގިނަ ދުވަސް ދިޔައީ އެހެންނެވެ.

"މަންމަ އަށް އެހެން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް އޭރަކު ނޭނގެ. އާއިލާއިން ވެސް އޭރު އެކަން ބަލާކަށް ނޫޅެ މާބޮޑަށް. ދެން މަންމަ އުޅެމުން އައީ އެހާލުގައި. ހަނދާން އެބަހުރި ކުޑަ އިރުވެސް މަންމަ އުޅުނީ އެހާލުގައި،" ޝަބާ ކިޔައިދިނެވެ.

އޭހާލުގައި ފާތިމަތު ދިރިއުޅެންމުން ދިޔައިރު އޭނާގެ މުޅި ގައިން ވާގިނެތުނީ މީގެ ފަސް އަހަރު ކުރިންނެވެ. އޭރު އެހެން ދިމާވުމުގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ސްޓްރޯކް ޖެހޭ ކަަމަށް ޝަބާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މަންމަ އަށް އޭރު ފަރުވާ ކުރަން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެކަށިގެންވާ ގޮތެއްގައި ފަރުވާ ދެވިފައެއް ނުވެއެވެ.

"އޭރު މަންމަ އަށް ފަރުވާ ކުރެވޭތޯ ދިޔައިން ގަމު ހޮސްޕިޓަލަށް. ކުޑަ އިރުވެސް މަންމަ އަށް ސީދާ ވީ ގޮތެއް ނޭނގެ. ނަމަވެސް އަޅުގަނޑުވެސް ބޮޑުވެ އިންޓަނެޓުން މަންމަ އަށް އަސްލު ވާ ގޮތް ބެލީމަ މި އެނގުނީ އެއީ ނާރުގެ މައްސަލައެއްކަން،" މަންމަގެ ބަލި ހޯދުމަށް ޝަބާ ކުރި މަސައްކަތް އޭނާ ކިޔައިދިނެވެ.

މަންމަ ގޮވައިގެން މާލެ އައުމަށް ޝަބާ އަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. ނަމަވެސް މަންމަ ގޮވައިގެން މާލެ އަންނާނެ ތަނަވަސް ކަމެއް އޭރަކު އޭނާގެ ނެތެވެ. އަދި އެގޮތަށް އޮންނަން ޖެހުމުން އޭނާގެ މަންމަގެ ބުރަކަށީގައި ބޮޑު ފާރު ގަނޑެއް އުފެދި ގިނަ ދުވަސް ތަކެއް ވަންދެން އެ ފާރު ގަނޑު ރަނގަޅު ކުރުމަށް ގަމު ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ.

"ފާރު ގަނޑު ރަނގަޅުވީ ވެސް ވަރަށް ވަރުން. ދެން އަޅުގަނޑެއް ވަޒީފާއެއް ލިބުމުން އައީ މަންމަ ގޮވައިގެން މާލެ. އައިސް އައިޖީއެމްއެޗަށް ދެއްކީ. ހޮސްޕިޓަލުން ބުނީ މަންމަ އަށް ދިމާވެފައިވަނީ ނާރުގެ މައްސަލައެއްކަން. ނާރެއް ފިތިފައޭ ބުނީ އަދި ނާރުގެ ޑޮކްޓަރަކަށް ދައްކަން ލަފާދިން،"

އުމުރުން 66 އަހަރުގެ މަންމަގެ ބަލި ފަސޭހަ ކުރުމަށް މަންމަ ގޮވައިގެން ރާއްޖެއިން ބޭރަށް ދާން މަސައްކަތް ކުރި ނަމަވެސް އޭރު ޝަބާއަކަށް އާސަންދައެއް ނުލިބުނެވެ. އަދި ފަހުން ރާއްޖޭގެ މަޝްހޫރު ނާރުގެ ޑޮކްޓަރު ޑރ. އަލީ ނިޔާފަށް މަންމަގެ ހާލަތު ކިޔައިދިނުމުން ރާއްޖެއިން ބޭރަށް ގެންގޮސް ގެން އިތުރު ފަރުވާ ހޯދަން ލަފާދިން ކަމަށް އޭނާ ބުންޏެވެ.

މިހާރު ފާތިމަތު އެޑްމިޓްކޮށްފައި އޮތީ އައިޖީއެމްއެޗްގައެވެ. އެތާ އޮންނަތާ ނުވަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޝަބާ މަސައްކަތް ކުރަނީ މަންމަ ގޮވައިގެން ރާއްޖެއިން ބޭރަށް ދެވޭތޯއެވެ. އަދި މަންމަގެ ކުރަން ޖެހޭ ނާރުގެ އޮޕަރޭޝަން ކުރެވޭތޯވެސް އެނާ ދަނީ މަސައްކަތް ކުރަމުންނެވެ.

"ކުދިކުދި ސްޓްރޯކް ޖެހޭތީ މިހާރު ވަރަށް ބޮޑަށް ސިކުނޑީގައި ފެން އުފެދިފައި ހުރި ކަމަށް ޑޮކްޓަރުން ބުނަނީ. އަދި ސިކުނޑި ފިތިފަ ހުރި ކަމަށް ޑޮކްޓަރުން ބުނަނީ،" މަންމަގެ މިހާރުގެ ހާލަތާގުޅޭގޮތުން ޑޮކްޓަރުންނާ ހަވާލާދީ ޝަބާ ބުންޏެވެ.

ފަތިމަތު ވަހީދާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި- އެނާއަށް އެއްވެސް ވާހަކއެއް ނުދެއްކޭ ހަރަކާތެއްވެސް ނުކުރެވޭ--ފޮޓޯ/އާއިލާ

މަންމައަށް އިތުރު ފަރުވާ ކުރަން ޝަބާ ބޭނުންވިޔަސް އޭނާގެ މަންމަ އަށް އަދިވެސް އާސަންދަ ލިބޭ ގޮތް ވަނީ ނުވެފައެވެ. ސަބަބަކީ އޮޕަރޭޝަން ކުރެވޭ ވަރު މަންމަގެ ގައިގާ ނެތުމުންނެވެ.

"ޑޮކްޓަރުން ބުނީ މަންމަގެ އޮަޕަރޭޝަން ކުރެވޭނީ މިހާރު ހުރި ވަރަށް ވުރެ މަންމަ ގެ ހާލަތު ރަނގަޅު ވެގެންނެ. އެހެންވެ މިހާރު ތެޔޮ ދަމާ އަދި ކޮންމެވެސް ވަރަކަށް ފިޒިއޮތެރަޕީ އެބަ ދެން،"

ޝަބާ އެކަނިމާ އެކަނި އޭނާގެ މަންމަ ބަލަމުންދާއިރު އޭނާގެ އުންމީދަކީ މަންމަ އަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ލިބުމެވެ. ޒުވާން އުމުރު މަންމަގެ ފަރުވާއަށް އޭނާ މަސައްކަތް ކުރާއިރު އޭނާ ޓަކި ނުޖަހާ ދޮރެއް ނެތެވެ. އެންމެ އާދައިގެ މީހުން ފޭށިގެން ގޮސް ބޮޑެތި ވިޔަފާރި ތަކުގެ ދޮރުގައި ވެސް އޭނާ ޓަކި ޖަހައެވެ. ނަމަވެސް ފަރުވާ އެއް ނުލިބި މަރާ ހަނގުރާމަ ކުރަމުންދާ އޭނާގެ މަންމަ އަށް ޝިފާއެއް ލިބޭނެ މަގެއް އަދި ތަނަވަހެއް ނުވެއެވެ.

ޝަބާ އެދެނީ އޭނާގެ މަންމަ އަށް ކުޑަ އެހީއެއް ނަމަވެސް ދިނުމެވެ. އޭނާގެ އުންމީދަކީ މަންމަ ގޮވައިގެން ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރެވޭތޯއެވެ. މަންމަ ގާތު ހޮސްޕިޓަލުގައި އިނދެގެން މި އިންޓަވިއު އޭނާ "ސަން ކުލުނަށް" ދިން އިރު އޭނާގަ ހުރިހާވެސް އުންމީދަކީ ތިޔަބޭފުޅުންގެ ދީލަތި އެހީއެކެވެ.

ފާތިމަތު ވަހީދާއަށް އެހީތެރިވުމަށް

ނަމްބަރު:9827577 ( އައިމިނަތު ޝަބާ ސަލީމް/ ދަރިފުޅު)

ބީއެމްއެލް އެކައުންޓް ނަމްބަރު: 7730000071891 ( އައިމިނަތު ޝަބާ ސަލީމް އަދި ފާތިމަދު ވަހީދާގެ ގުޅިފައިވާ އެކައުންޓް)

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް