ޝެއިޚް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފި

ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ޖަލަށް ގެންދިޔުމަށް ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އިމްރާން އަރުވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އިމްރާން ގޭ ބަންދަށް ބަދަލުކުރި ކަން ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އަޙްމަދު ލުގްމާން ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އިމްރާން މިރޭ ގޭ ބަންދަށް ބަދަލުކުރަން ނިންމާފައިވާއިރު އޭނާ އަށް މިއަދު ވަނީ އަލަތު ފިރިހެން ދަރިއަކު ލިބިވަޑައިގެންފައެވެ.

މީގެ ކުރިން ހަތަރު އަންހެން ދަރިން އިމްރާންއަށް ލިބިފައިވާއިރު އޭނާގެ އަލަތު ފިރިހެން ދަރިކަލުން ލިބިވަޑައިގަތީ މިރޭއެވެ. މވަގުތު އަނބިކަބަލުންނާއި ދަރިކަލުން އޮންނެވީ އައިޖީއެމްއެޗުގައެވެ.

އިމްރާން އެންމެ ފަހުން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ރޯދަ މަހަށެވެ. ރޯދަމަސް ނިމުމުން އަނެއްކާ ވެސް އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ޖަލަށް ގެންދިއުމުގެ ކުރިން އޭނާ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދިނުމާ ގުޅިގެން ވަނީ ޖަލުން އޭނާއަށް ދެމުން ގެންދިޔަ ބައެއް އިނާޔަތްތައް މެދު ކަނޑާލާފައެވެ.

އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ވުމުންނެވެ.

comment ކޮމެންޓް