ކުރުދީންނަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރު އެންމެ ފަހުން ރަޝިއާއިން ދީފި

އެމެރިކާގެ މަދަދު ލިބޭ ސީރިއާގެ ކުރުދީ ހަނގުރާމަވެރި ގްރޫޕް ސީރިއަން ޑިމޮކްރެޓިކް ފޯސާސްގެ ހަނގުރާމަވެރިއަކު ސީރިއާގައި ހަރަކާތްތެރިވަނީ

އެމެރިކާގެ މަދަދު ލިބޭ ސީރިއާގެ ކުރުދީ ހަނގުރާމަވެރި ގްރޫޕް ސީރިއަން ޑިމޮކްރެޓިކް ފޯސާސް (އެސްޑީއެފް) އިން ސިރިއާގެ ސިފައިންނަށް ހަމަލާދޭނަމަ، އެގްރޫޕަށް ރައްދުގައި ހަމަލާދޭން ޖެހިދާނެކަމުގެ އިންޒާރު ރަޝިއާއިން ދީފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ސްޕޯކްސް ޕާސަން އީގޯ ކޮނަޝޮނޮކޯވް ވިދާޅުވީ ސީރިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދައިރު އަލް ޒައުރު ގައި ތިބި ސަރުކާރު ސިފައިންނަށް ކުރުދީން މޯޓަރާއި ބަޑިން ހަމަލާ ދީފައިވާކަމަށެވެ. އަދި އެގޮތަށް ހަމާލާތައް ތަކުރާރު ވެއްޖެނަމަ ރައްދުގައި ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް އީގޯ ވަނީ ދީފައެވެ.

ސީރިއާގައި ހަރަކާތްތެރިވަމުންދާ އައިއެސް އާއި އެހެނިހެން ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ރަޝިއާއިން ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.

ސީރިއާ ސިފައިން މި ހަފުތާގައި ވަނީ އެގައުމުގެ ފުރާތު ކޯރުގެ ހުޅަނގު ސަރަހައްދު އެމީހުން ބާރުގެ ދަށަށް ގެނެސް އެ ކޯރުގެ އިރުމަތީ ސަރަހައްދުގެ ބަޔަކަށް ވަދެގެންފައެވެ. އެމެރިކާގެ މަދަދުލިބޭ އެސްޑީއެފްއިން ވަނީ ސީރިއާގެ ސިފައިންނާ އައިއެސްއާ އެންމެ ހަނގުރާމަ ހޫނުވި ދަނޑިވަޅު ބަލައި އެ ޖަމާއަތުގެ ބާރު އިރުމަތީ ސަރަހައްދަށް ފަތުރައިލައިފައެވެ. އަދި ސީރިއާގެ ސިފައިން އިރުމަތީ ސަރަހައްދަށް ވަދެފިނަމަ ހަމަލާ ދޭނެކަމުގެ އިންޒާރުވެސް އެސްޑީއެފްއިން ވަނީ ދީފައެވެ.

ރަޝިއާއިން އިން ވަނީ އެމެރިކާގެ މަދަދު ލިބޭ ކުރުދީ ހަނގުރާމަވެރިން އައިއެސްއާ ގުޅުން އޮންނަކަމަށް ބުނެފައެވެ. އަދި ކުރުދީން ރައްގާގައި ތިބި އައިއެސް ހަނގުރާމަވެރިންނާ ގުޅިގެން ސީރިއާ ސިފައިންނާ ދެކޮޅަށް ކުރިއަރަމުންދާ ސަރަހައްދުތަަކަށް ފޮނުވަމުންދާ ކަމަށްވެސް ރަޝިއާއިން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް