ކޮސްޓާ ގަތުމާ މެދު ޗެލްސީ އާއި އެތުލެޓިކޯ އިން އެއްބަސްވުމަކަށް އަތުވެއްޖެ

ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ -- ފޮޓޯ: އޭޕީ

ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ ގަތުމާ މެދު ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑް އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ޗެލްސީގެ ކަލްބް ވެބްސައިޓުން މިކަން ކަށަވަރު ކޮށްދީފައިވާއިރު، މިހާރު ނުނިމި އޮތީ އެތުލެޓިކޯ އާއި ކޮސްޓާ އާ ދެމެދު ނިންމަން ޖެހޭ ނިންމުންތަކާއި މެޑިކަލް އެވެ.

ޗެލްސީ ދޫކޮށް ކޮސްޓާ އެތުލެޓިކޯ އަށް ބަދަލުވަނީ ކިހާވަރެއްގެ އަގަކަށް ކަމެއް އެ ކްލަބުން އަދި ހާމަކޮށްފައި ނުވާއިރު، ކޮސްޓާ އަށް ދެން އެތުލެޓިކޯ އަށް ރަސްމީ ކޮށް ބަދަލު ވެވޭނީ އަންނަ ޖެނުއަރީ މަހުއެވެ.

ޗެލްސީގެ ކޯޗު، އެންޓޯނިއޯ ކޮންޓޭގެ ފުރަތަމަ 11އިން ކޮސްޓާއަށް ޖާގަ ނެތްކަމަށް ބުނި ހިސާބުން ފެށިގެން، އޭނާ ވަނީ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ކޮސްޓާއަށް ވަކިގޮތެއް ނިންމިފައި ނުވާތީ މިހާރު އޭނާގެ މައްސަލަ ވަނީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

މީގެ ކުރިން ކޮސްޓާ ދޫކޮށްލަން ޗެލްސީން ހުށަހަޅާފައިވާ، 50 މިލިއަން ޕައުންޑުގެ ފީއަށް އެތުލެޓިކޯއިން އެއްބަސް ވެފައި ނުވާއިރު، އެޓީމުން އޭނާއަށް ދޭނޭ އެންމެ މަތީ އަގަކީ 40 މިލިއަން ޕައުންޑުކަމަށްވަނީ ބުނަފައެވެ.

ޗެލްސީއަށް މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް، ގިނަ ލަނޑު ތަކެއް ޖަހައިދިން ފޯވާޑުގެ ނަން ކޮންޓޭގެ ފުރަތަމަ 11ގައި ހިމެނިފައި ނުވިނަމަވެސް، އެޓީމުން ޕްރިމިއަރ ލީގަށް ނަގާފައިވާ 25 ކުޅުންތެރީންގެ ސްކޮޑުގައި ކޮސްޓާ ހިމަނާފައި ވެއެވެ.

comment ކޮމެންޓް