ސަންޗޭޒް ފޯމަކަށް ނޭޅިގެން އުޅެނީ ފިޓްނަސްގެ ސަބަބުން: ވެންގާ

ރޭ ޑޮންކާސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ސަންޗޭޒް-- ފޮޓޯ: އޭޕީ

އަލެކްސިސް ސަންޗޭޒް މި ސީޒަނުގައި އަދި ފޯމަކަށް ނޭޅި އުޅެނީ މެންޗެސްޓާ ސިޓީ އަށް ބަދަލުވުން ހުއްޓުވުމުގެ ސަބަބުން ނޫން ކަމަށާއި ފޯމަކަށް ނޭޅި އުޅެނީ ފިޓްނަސް މައްސަލަތަކެއް ހުރުމުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ސަންޗޭޒް އަށް މި ސީޒަނުގެ ޕްރިމިއަރ ލީގުގައި 90 މެނެޓު ދަނޑުމަތީގައި ހަމަ ކުރެވޭ ގޮތެއް އަދި ނުވެއެވެ. ނަމަވެސް އޭނާ ވަނީ ޔޫރޮޕާ ލީގުގައި ކޮލޯން އާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ރޭ ލީގު ކަޕުގައި ޑޮންކާސްޓާ އާ ދެކޮޅަށް ކުޅުނު މެޗުގައި 90 މިނެޓު ހަމަކޮށްފައެވެ.

ޑޮންކާސްޓާ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެންގާ ބުނީ މިދިޔަ ސީޒަނުގެ ޓޮޕް ސްކޯރާ ސަންޗޭޒް އަށް މިފަހަރު އެހާ ރަނގަޅަށް ޕާފޯމް ނުކުރެވިގެން އުޅެނީ ފިޓްނަސް އެންމެ ރަނގަޅު ނޫން ވީމަ ކަމަށާއި އެއީ އޭނާގެ ހިތުގައި ކުލަބާއި މެދު ހިތްހަމަނުޖެހުން އޮވެގެންވާ ކަމެއް ނޫން ކަމަށެވެ.

"ސަންޗޭޒް ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސް ތަކަކަށް ކުޅުމާ ދުރުގައި ހުރެފަ. އެންމެ ފަހު މެޗުގައި ވެސް އޭނާގެ ފިޓްނަސް އެންމެ ރަނގަޅެއް ނޫން. އަހަރެން ރޭގެ މެޗުގައި އޭނާ ލައްވާ ކުޅުވީ ވެސް ފިޓްނަސް ރަނގަޅު ކުރުވުމަށް. އަހަރެން މަސައްކަތް ކުރާނަން އޭނާ ވީ އެންމެ އަވަހަކަށް ފުލް ފިޓްނަސް އަށް ގެނެވޭތޯ،" ވެންގާ ބުންޏެވެ.

ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ސަންޗޭޒް، މެންޗެސްޓާ ސިޓީއާ ގުޅުމާ ގާތަށް ދިޔައެވެ. ސިޓީން ސަންޗޭޒްއަށް ހުށަހެޅި 60 މިލިއަން ޕައުންޑްގެ އަގު ގަބޫލުކުރުމަށް އާސެނަލުން އެއްބަސްވި ނަމަވެސް، ފަހު ވަގުތު އެކަން ނިމުމަކަށް ދިޔައީ އެ ކްލަބުން މޮނާކޯގެ ތޯމަސް ލެމާ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

comment ކޮމެންޓް