ލީގު ކަޕުގައި ނުކުޅޭނަމަ އިނގިރޭސި ކުލަބުތަކަށް ޔޫރަޕުގައި ކާމިޔާބު ހޯދޭނެ: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ --

ލީގު ކަޕްގައި ނުކުޅޭނަމަ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ކުޅޭ އިނގިރޭސި ޓީމުތަކަށް ކާމިޔާބީ ލިބޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް އިނގިރޭސި ކުލަބުތަކުން ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި މާބޮޑު ކުރިއެރުމެއް ހޯދޭ ގޮތް ނުވެފައެވެ.

ލީގު ކަޕްގައި ރޭ އަމިއްލަ ދަނޑުގައި މެޗުގައި ބާޓަން އަލްބިއޮން އަތުން ޔުނައިޓެޑް މޮޅުވެފައިވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. މިއާއެކު އެ ޓީމު ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ލީގު ކަޕަކީ އޮފިޝިއަލް މުބާރަތެއް ކަމާމެދު ސުވާލު އުފެދޭ ކަމަށާއި ރަނގަޅު މުބާރާތެއް ނަމަ ކުޅުންތެރިންނާއި ކޯޗު ވެސް މުހިންމުކަން ދޭނެ ކަމަށެވެ.

"އަހަރެން ކައިރީ އިނގިރޭސި ފުޓުބޯޅަ މިފަދަ ކުދި މުބާރާތްތަކާ ނުލައި ދެމިހުންނާނެ ތޯ ސުވާލު ކޮށްފިނަމަ ބުނާނީ ވެދާނެއޭ. އަހަރެމެން ޔޫރަޕުގެ ބޮޑެތި މެޗުތަކަށް ފްރެޝް ވާނެ،" މޮރީނިއޯ ބީބީސީ އަށް ބުންޏެވެ.

އޭނާ ބުނީ ކޮންމެ ގޮތެއް ވިޔަސް މުބާރާތަށާއި މުބާރާތުގެ ސްޕޮންސަރުންނަށް އަދި މުބާރާތުގައި ކުޅޭ ޓީމުތަކަށް ވެސް އިހްތިރާމު ކުރާނެ ކަމަށެވެ. އަދި ފުޓުބޯޅައިގެ ޕްރޮފެސަނަލިޒަމަށް އިހްތިރާމު ކޮށް މުބާރާތް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް