އިންޑިއާގައި މަޖުބޫރުން ހެއްދި އެބޯޝަނަކުން ކުއްޖާގެ ހާލު ސީރިއަސްވެއްޖެ

އިންޑިއާގައި ހިނގާ ރޭޕްގެ ހާދިސާތަކާ ގުޅިގެން މުޒާހަރާ ކުރަނީ -- ފޮޓޯ: ގެޓީ

ދިއްލީ (ސެޕްޓެމްބަރު 21): އިންޑިއާގެ ސްކޫލެއްގެ ދެ މުވައްޒަފުން ވެގެން ރޭޕް ކުރި އަންހެން ކުއްޖަކު އެބޯޝަން ހައްދަން މަޖުބޫރު ކުރުމުން އެކުއްޖާގެ ހާލު ސީރިއަސްވެއްޖެ އެވެ.

އިންޑިއާގެ ރާޖަސްތާނުގެ ފުލުހުން ބުނި ގޮތުގައި އުމުރުން 18 އަހަރުގެ އެކުއްޖާ ބަލިވެ އިންކަން އެނގުމުން، އެކުއްޖާ ރޭޕް ކުރި މީހުން ވަނީ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެބޯޝަން ހައްދަން މަޖުބޫރުކޮށްފައެވެ. ނަމަވެސް އެބޯޝަން ހެއްދި ފަހުން އެކުއްޖާ ހޭނާރާ ކަމަށާއި، އޭގެ ފަހުން އެކުއްޖާގެ ހާލު ދެރަވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގަބޫލު ކުރާ ގޮތުގައި ފާއިތުވި ތިން މަސް ތެރޭގައި އެކުއްޖާ ރޭޕް ކުރީ އެކްސްޓްރާ ކްލާހަކަށް ކަމަށް ބުނެ އެކުއްޖާ ސްކޫލަށް ގެންގޮސްގެންނެވެ.

ފުލުހުން މިހާރު ވަނީ އެކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައެވެ. އަދި އެމައްސަލައިގައި ހޮސްޕިޓަލުގެ އަތެއްވޭތޯ ބެލުމަށް އެކަން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެހާދިސާއާ ގުޅިގެން، އެއަންހެން ކުއްޖާ ކިޔަވަމުން ދިޔަ ސްކޫލް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ސްކޫލް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް