ޓްރަމްޕްގެ ހަރުކަށި އިންޒާރުތަކަށް އުތުރު ކޮރެއާއިން މަލާމާތްކޮށްފި

އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރޯ ޔޮންގް ހޯ ވަނީ އެމެރިކާގެ ރައީސަށް މަލާމާތް ކުރައްވާފަ -- ފޮޓޯ: އޭއެފްޕީ

ސޯލް (ސެޕްޓެމްބަރު 21): އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާއަށް ދެއްވި އިންޒާރުތަކަށް އެގައުމުން މަލާމާތްކޮށްފި އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި އިއްޔެ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އެގައުމު އެއްކޮށް ނައްތާލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި ކިމް ޖޮންގް އުން އަށް "ރޮކެޓް މޭން"ގެ ގޮތުގައި އިޝާރާތް ކުރައްވައި، އޭނާ ކުރިއަށް ގެންދަވާ މަސައްކަތްތަކަކީ އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ކުރިއަށްގެންދާ މަސައްކަތްތައް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރޯ ޔޮންގް ހޯ ވަނީ އެއީ 'ކުއްތާއެއް ވައްވައް ޖަހާ އަޑު' ކަމަށާއި އޭގެ ސަބަބުން އުތުރު ކޮރެއާ ބިރެއް ނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ރޯ އދ.ގެ ޖެނެރަލް އެސެމްބްލީގައި އަންނަ ހުކުރު ދުވަހު ތަގުރީރު ކުރައްވާނެ އެވެ.

އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ހަވަނަ ނިއުކްލިއާ ޓެސްޓު މިމަހުގެ ތިން ވަނަ ދުވަހު ކުރިއަށްގެންގޮސްފަ އެވެ. އޭގެ ސަބަބުން އދ.ން ވަނީ އެގައުމާ ދެކޮޅަށް އަނެއްކާވެސް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އެގައުމަށް ތެޔޮ އެތެރެ ކުރުން މަދުކޮށް، ޓެކްސްޓައިލްސް އެކްސްޕޯޓު ކުރުން މަނާކޮށްފަ އެވެ.

އޭގެ ފަހުން، ދެކުނު ކޮރެއާއިން ވަނީ އދ.ގެ އެހީދޭ ޕްރޮގްރާމްތައް މެދުވެރިކޮށް އުތުރު ކޮރެއާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ދެކުނުން އުތުރަށް އެފަދަ އެހީ އެންމެ ފަހުން ފޮނުވީ މީގެ ދެ އަހަރު ކުރިންނެވެ. (ބީބީސީ)

comment ކޮމެންޓް