"ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި އުފެއްދި ކުރު ފިލްމްތަކުގެ ޕްރައިވެޓް ސްކްރީނިން ޝްވެކްގައި

"ފިލްމް ފޯ ޗޭންޖް" ގެ ނަމުގައި ޒުވާނުންގެ ކުރު ފިލްމް އުފެއްދުމުގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ދިރާގު

ތަރައްގީއަށް ބޭނުންވާ މައިގަނޑު ތިންކަމެއްގެ މައްޗަށް ބިނާކޮށް، ދިރާގާއި ޔޫއެންޑީޕީން ގުޅިގެން "ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި ޒުވާނުންލައްވައި އުފައްދާފައިވާ ކުރު ފިލްމްތަކުގެ ޕްރައިވެޓް ސްކްރީނިން މާލޭ ޝްވެކް ސިނަމާގައި ބާއްވަން ނިންމައިފިއެވެ.

ދިރާގާއި ޔޫއެންޑީޕީން ބުނީ ދިވެހި ޒުވާނުންގެ ތިން ގްރޫޕަކުން އުފައްދާފައިވާ ތިން ކުރު ފިލްމެއްގެ ޕްރައިވެޓް ސްކްރީނިން، މި މަހުގެ 25 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ޝްވެކް ސިނަމާގައި އަޅުވާނެކަމަށެވެ. މި ހަފްލާގައި ބައިވެރި ވާނީ، ދައުވަތު ދޭ ޚާއްސަ ފަރާތްތަކަކާއި މީޑިއާގެ ފަރާތްތައް ކަމަށްވެސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ. އަދި އެ ހަފްލާގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ސުވާލުކުރުމާއި ޖަވާބު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަން ހަމަ ޖެހިފައިވާއިރު، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރިޕްރެޒެންޓޭޓިވް ޝޮކޯ ނޯޑާއާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއީލް ރަޝީދު، ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނޭ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

ޒުވާނުންގެ ކުރު ފިލްމުތަކުގެ ޕްރައިވެޓް ސްކްރީނިން މިމަހު 25ގައި ޝްވެކްގައި ބޭއްވި ނަމަވެސް، ވަރަށް އަވަހަށް މި ތިން ފިލްމު އާންމުން ބަލާލުމަށް ނެރޭނޭކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ބުންޏެވެ. އެގޮތުން ސޯޝަލް މީޑިއާގައާއި މާލޭގެ ބައެއް ކެފޭތަކުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެތަންތަނާއި ތާރީޚްތައް ފަހުން ހާމަކުރާނޭ ކަމަށްވެސް އެފަރާތްތަކުން ބުންޏެވެ.

ޒުވާނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ކުރު ފިލްމް އުފެއްދުމުގެ މަސައްކަތުގެ މަޤްސަދަކީ މި ފިލްމް ތަކުގެ ސަބަބުން ޒުވާނުންނާއި އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް ހޭލުންތެރިކުރުވުން ކަމަށްވެސް ދިރާގާއި ޔޫއެންޑީޕީން މައުލޫމާތުދެއެވެ. ފިލްމްތަށް އުފައްދާފައިވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ މައިގަނޑު ތިން އަސާސްގެ މައްޗަށް ބިނާކޮށް ތިން ބަޔަކަށް ބައިވެރިން ބަހާލައިގެން ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ފިލްމްތަށް އުފެއްދުމަށްޓަކައި ދިރާގުން ވަނީ މިދިޔަ އޮގަސްޓް މަހުގެ 16 އިން 23 ވަނަ ދުވަހާ ހަމައަށް، ފިލްމް އުފެއްދުމުގައި ބައިވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. އެ ތަމްރީން ޕްރޮގްރާމުގައި ވާހަކަލިޔުމާއި، ޑައިރެކްޓް ކުރުމާއި، ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ބައިވެރިން ތަމްރީން ކޮށްފައިވާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގާއި ޔޫއެންޑީޕީން ބުނީ، ފިލްމް އުފެއްދުމުގައި ބައިވެރީންނަަށް ހިޔާލުދީ ހެދުމުގައި މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވާނެކަމަށެވެ. އޭގެ ތެރޭގައި އިޓާނަލް ޕިކްޗާސް، މަދޮށި އަދި ސްޓްރީކް އަކީ، ކުރު ފިލްމް އުފެއްދުމުގެ ޕްރޮގްރާމްގައި މެންޓާސްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތައް ހިމެނޭ ކަމަށްވެސް މައުލޫމާތުދެއެވެ.

comment ކޮމެންޓް