Sun Online
މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ
މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

އުޙުދު ހަނގުރާމަ - 12

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

  1. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން ކުރެ ޖަމާޢަތެއްގެ ބޭބޭކައުކަނބަލުން ވަނީ މިހަނގުރާމައިގައި އިތުރުސާހިބާއަށްޓަކައި ފިދާވެވަޑައިގެންނެވުމުގެ ވަރަށް އާދަޔާޚިލާފު މިސާލުތަކެއް ޤާއިމުކުރައްވައިފައެވެ. ހަމައެކަނި އެބޭބޭކައުކަނބަލުންގެ ޤުރްބާނީ އާމެދު ޚިޔާލުކޮށްލިކަމުގައި ވިޔަސް ޤިޔާމަތާ ހަމަޔަށް އިސްލާމީ އުންމަތުގެ ރޫޙުތާޒާކޮށްދޭފަދަ ޤުރުބާނީތަކެއް ވެވަޑައިގެންފައެވެ.

ކޮންމެ ތަޙްރީކަކަށް ނަޒަރު ހިންގިކަމުގައިވިޔަސް އެތަޙްރީކެއްގެ އިސް ދާޢީ ނުވަތަ އެންމެމަތީ ޤާއިދަކީ އެތަޙްރީކުގެ މުހިންމު ބާރެކެވެ. އިސްލާމި ތަޙްރީކުވަނީ އެތަޙްރީކުގެ ޤާއިދުދެކެ ވަރަށް ފުން ލޯތްބަކުން ލޯބިވުމަށް ދަޢުވަތުދީފައެވެ. ވަކީން ޚާއްޞަކޮށް އެމަޤާމުގައި ހުންނެވީ ރަސޫލަކު ކަމުގައިވާތީ އެރަސޫލާއަށްޓަކައި ނިހާޔަތަށް ފިދާވުން ލާޒިމެވެ. އިސްލާމީ ތަޙްރީކަކީ އެތަޙްރީކުގެ ދާޢީ ނުވަތަ ޤާއިދު އެކަހެރިކޮށްލައިފައި ކުރިޔަށް ގެންދެވޭނެ ތަޙްރީކެއްނޫނެވެ. އިސްލާމީ ތަޙްރީކާއި އެތަޙްރީކުގެ ދާޢީއަކީ ހަމަހަމަޔަށް ބައިވެރިވާ ދެފަރާތެވެ. ބާރާއި، ޢިއްޒަތާއި، ކަރާމަތާއި، އަސަރު ފޯރުވުމުގެ ދާއިރާގައެވެ. އެތަޙްރީކުގެ އުސޫލާއި ތަޙްރީކުގެ ޤިޔާދަތަކީ ގުޅިލާމެހިފައިވާ ދެފަރާތެވެ. ތަޙްރީކުގެ އުސޫލުތަކަށް ވަރުގަދައަށް އީމާންވުމާއި ތަޙްރީކުގެ ޤިޔާދަތުދެކެ އިޚްލާޞްތެރި ލޯތްބަކުން ލޯބިވުމާއި، ޤިޔާދަތަށްޓަކައި ފިދާވުމަކީ އެއްކަމެއް އަނެއްކަމަކާ ވަކިނުކުރެވޭނެ ކަންތައްތަކެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިތުރު ޞަޙާބީންނާއި އިތުރު ޞަޙާބިއްޔާތުން އެކަލޭގެފާނަށްޓަކައި ޕަރުވާނާތަކެއް ފަދައިން ފިދާވެވަޑައިގެންނެވިއެވެ. ރަސޫލުބޭކަލަކަށް ވާތީއެވެ. އިތުރުސާހިބާގެ ވުޖޫދަކީ އިސްލާމީ ތަޙްރީކުގެ ފުރާނަކަން ޤަބޫލުކުރައްވާތީއެވެ. އެބޭބޭކައުކަނބަލުންގެ ހަޔާތްޕުޅުގެ އެންމެ މުހިންމު އަމާޒަކީ އިތުރު ސާހިބާގެ ފުރާނަފުޅު ޙިމާޔަތްކުރެއްވުމެވެ. އެމާތްސާހިބާގެ ޝަރަފާއި ކަރާމަތް މަތިވެރިކުރެއްވުމެވެ. އެމާތްސާހިބާގެ ބާރުފުޅާއި ނުފޫޒު އިތުރަށް ފުޅާކުރައްވައި ތަނަވަސްކުރެއްވުމެވެ. އުޙުދުގެ މައިދާނުގައި އެބޭބޭކައުކަނބަލުންވަނީ އެކަން ސާބިތުކޮށްދެއްވައިފައެވެ. ތާރީޚުގެ ސަފުޙާތަކުގައި ރަންއަކުރުން އެކަން ލިޔުއްވައި ބިންވަޅު ނަންގަވައިފައެވެ.

އުޙުދު ހަނގުރާމައިގެ ނުރައްކާ ސައްތައިންސައްތަޔަށް އެރިވަގުތު އެންމެ ވަރުގަދަ މަޢުރިކާއެއް ހިނގީ އިތުރުސާހިބާގެ ވަށައިގެންނެވެ. ދުޝްމިނުންގެ ގަދަފަދަ ޖައްބާރުންތައް އެމާތް ސާހިބާ އާދިމާޔަށް ކޯޅިކޯޅިޔަށް އަރައަރައިގެން އަންނާން ފެށުމުން އިތުރުސާހިބާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘުކުރެއްވިއެވެ. " މިބައިމީހުންގެ ކިބައިން ތިމަން ކަލޭގެފާނު ދިފާޢުކުރާނީ ކާކުހެއްޔެވެ؟" އެވަގުތު އަރިހުގައި ތިއްބެވި ހަތް އަންސާރިއްޔަ ބޭކަލުން އެބަސްފުޅަށް އިޖާބަދެއްވިއެވެ. ސިންގާތަކެއް ފަދައިން ދުޝްމިނުންގެ ފަހުލަވާނުންނާ ހަނގުރާމަކުރެއްވިއެވެ. އެބޭކަލުންގެ ހަށިކޮޅުތައް އިތުރުސާހިބާއަށްޓަކައި އައްޑަނަކޮޅުތަކަކަށް ހެއްދެވިއެވެ. އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ޝަހީދުންގެ މަތިވެރި ދަރަޖަ ޙާޞިލުކުރެއްވިއެވެ. އެބޭކަލުންގެ ތެރެއިން އެންމެ ފަހުބޭކަލަކަށް ޝަހީދުވެވަޑައިގެންނެވި ބޭކަލަކީ ޢައްމާރަތު ބިން ޔަޒީދު ބުނުއްސަކަން ރަޟިޔަﷲޢަންހުއެވެ. އެކަލޭގެފާނު ޒަޚަމުވެވަޑައިގެން މުޅިހަށިކޮޅުގައި ޅިޔައެޅިފައިވާ ޙާލުކޮޅުގައި ވެއްޓިވަޑައިގެންނެވި ހިނދު އިތުރުސާހިބާގެ އަރިހަށް ގެންދެވުނެވެ. އިތުރުސާހިބާގެ އަރިހުގައި ވެޑުވުނެވެ. އެހިނދު އެކަލޭގެފާނުގެ ހަށިކޮޅުގައިހުރި ހުރިހާ ބާރެއް އެއްކޮށްލައްވައިގެން އިސްތަށިފުޅު އުފުއްލައިލައްވައި އިތުރުސާހިބާގެ ފައިތިލަފުޅުގައި މޫނުފުޅު ކާއްތައިލެއްވިއެވެ. އެކަލޭގެފާނު ފުރާނަފުޅު ދޫކޮށްލެއްވީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފައިތިލަފުޅު މައްޗަށެވެ.

ޢަބްދުﷲ ބިން ޤަމިއަތު އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާދިމާޔަށް ކަނޑިއެތިފަހަރެއް ދޫކޮށްލުމުން އައްސައްޔިދާ ނުސައިބާ ރަޟިޔަﷲ ޢަންހާ ފުންމައިވަޑައިގެން އެދެމެދަށް ވަދެވަޑައިގެންނެވިއެވެ. އެކަމަނާގެ ކަނދުރާފުޅު އެއެތިފަހަރުން ވަރަށް ފުންކޮށް ޒަޚަމުވިއެވެ. ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއެތިފަހަރުން ސަލާމަތްވެވަޑައިގެންނެވިއެވެ. އައްސައްޔިދާ ނުސައިބާވެސް އިބްނު ޤައިމިއަތުގެ ގައިގައި ކަނޑިން އެތިފަހަރެއް ޖެއްސެވިއެވެ. ނަމަވެސް އޭނާ ހުރީ ދެފަށްދަގަނޑުދަހަނާ އަޅައިގެންނެވެ. އެހެންކަމުން ނުސައިބާ ޖެއްސެވި ކަނޑިއެތިފަހަރުން އޭނާ ސަލާމަތްވިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްޓަކައި އުޙުދުގެ މައިދާނުގައި ފިދާވެވަޑައިގެންނެވި ބައެއް ބޭކަލުންގެ ވާހަކަ މީގެކުރިންވެސް އަޅުގަނޑު ވަނީ ލިޔެފައެވެ. ޝައްކެތްނެތެވެ. އެތަޙްރީކެއްގައި ލޯތްބާއި ޤުރްބާނީ އާއި ފިދާވުމުގެ މިފަދަ ވަރުނުލާރާޅުތަކެއް ބިންދަބިންދައިއޮތް ތަޙްރީކެއް ހުއްޓުވޭނެ އެއްވެސް އިންސާނީ ބާރެއް މިދުނިޔެއަކު ނުވެއެވެ.

  1. މުޝްރިކުންގެ ލަޝްކަރުވަނީ އެބައިމީހުންގެ ރުޅިވެރިކަމާއި ހަސަދަވެރިކަން ފިލުވައިލުމަށްޓަކައި މުސްލިމުންގެ ޝަހީދުންގެ ހަށިކޮޅުތަކުގެ ޙުރުމަތް ވެއްޔާ މޮޑެފައެވެ. ނުހަނު ވަހްޝީ ގޯނާތަކެއްކޮށްފައެވެ. ޚާއްޞަކޮށް ޤުރައިޝުންގެ އަންހެނުންތައް ވަނީ ޝަހީދުންގެ ހަށިކޮޅުތަކުގެ ބަނޑުފުޅު ފަޅައި މޭފުޅުނަގައިފައެވެ. އައިބުގަނަވަންތަކާއި، ކަންފަތްޕުޅުތަކާއި، ނޭފަތްޕުޅުތައް ކަނޑައި އެއިން ތަކަހޮޅިހަދައި ފައިގައި އަޅައިފައެވެ. ހާރު ހަދައިގެން ކަރުގައި އަޅައިފައެވެ. އެބައިމީހުންގެ ނަދުރު ފުއްދުމުގެ ނަމުގައެވެ. ޚާއްޞަކޮށް ޤުރައިޝީ އަންހެނުންގެ ލީޑަރ ހިންދުބިންތި ޢުތުބާ (އަބޫސުފްޔާނުގެ އަނބިކަނބަލުން) ވަނީ ވަހްޝީ ޖަނަވާރެއްގެ ލަދުވެތި ޚަސީލަތް ދައްކައިފައެވެ. ޙަމްޒާބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހު ޝަހީދުކުރި ވަހްޝީ އެކަލޭގެފާނުގެ މޭފުޅު ނަގައި ހިންދަށް ހަދިޔާކުރިއެވެ. ހިންދު އެމޭފުޅުކާން އުޅެ ނުކެވިގެން އެއްލައިލިއެވެ. ހިންދު އޭނާގެ އަތްފަޔާއި ކަރުގައި ހުރި ގަހަނާތައް ވަހްޝީއަށް ހަދިޔާކުރިއެވެ. ޚުދު އޭނާ އަމިއްލަޔަށް ޙަމްޒަތުގެފާނުގެ ކަންފަތްޕުޅާއި ނޭފަތްޕުޅު ކަނޑައި މޫނުފުޅުގައި ޅިޔައަޅައި ފޮތިފޮތިކުރިއެވެ. ހަމައެފަދައިން ކައުސާހިބާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ދެބީނުންގެދެދަރި ކޮއްކޯފުޅު ޢަބްދުﷲ ބިން ޖަޙްޝު ރަޟިޔަﷲ ޢަންހުގެ ހަށިކޮޅުވެސް މުޘަލާކުރިއެވެ.

އަބޫސުފްޔާނަށް އޭނާގެ އެކުވެރީންގެ ވަހްޝީ އަނިޔާތަކުގެ ޚަބަރުލިބިވަޑައިގަތުމުން އޭނާ އެކަމަށް މަރްޙަބާ ވިދާޅުވިއެވެ. ޚުދު އަބޫސުފްޔާނު ޙަމްޒަތުގެފާނުގެ ދަތްޕިލާފުޅުގައި ދުނިދަޑިން ތަޅަމުން ބުނެފައިވެއެވެ. "ފެނިއްޖެހެއްޔެވެ؟ ރަހަލައިފިހެއްޔެވެ؟" ނަމަވެސް އޭނާގެ އެކުވެރިޔަކު އެކަމަށް ފާޑުކިޔުމުން ތަންކޮޅެއް މައިތިރިވެ ވަޑައިގެންނެވިއެވެ. އެފަދަ ޢަމަލުތަކެއްގެ ޒިންމާ ނެންގެވުމުން މުސްތަޤްބަލުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ އާފާތަކަށް ބިރުފުޅުގެންވަޑައިގެންވަޑައިގެންނެވިއެވެ. ޢާއްމުންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓިދާނެތީ ކަންބޮޑުވެވަޑައިގެންނެވިއެވެ. އެއްވެސް އިންސާނީ ޖަމާޢަތަކީ އެޖަމާޢަތުގެ އެންމެންގެ ހެޔޮކަމަށް ބާރުއަޅާ ޒަމީރު މަރުވާނެ ޖަމާޢަތެއް ނޫނެވެ.

އިސްލާމީ އިންޤިލާބުގެ ދުޝްމިނުންގެ މިހަޑިމުޑުދާރު ހަރަކާތުގެ ސަބަބުން އާއްމު އަރަބީންގެ ކުރިމަތީގައި އެބައިމީހުންގެ ޤަދަރުކުޑަވި ވަރަކާ ބެހޭގޮތުން މިހާރަކު ތަފްސީލު މަޢުލޫމާތުތަކެއް ލިބޭކަށެއްނެތެވެ. ނަމަވެސް އެއް ޙާދިޘާއެއްގެ ވާހަކަ ތާރީޚީ ރެކޯޑުތަކުން ވަނީ ފެނިފައެވެ. އަބޫސުފްޔާނު، ޙަމްޒާ ރަޟިޔަﷲ ޢަންހުގެ ދަތްޕިލާފުޅާއި މޫނުފުޅުގައި ދުނިދަނޑީން ތަޅާތަން ފެނިފައި (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ޙަމްޒަތުގެފާނު މޫނުފުޅަށް ލޮންސި ހަރާތަން ފެނިފައި) ޖަލީސް ނުވަތަ ހުލައިސު ބިން ޒިބާން އަލްކިނާނީ އޭނާގެ ޤައުމާ މުޚާޠަބުކޮށް ބުނެފައިވެއެވެ. "އޭ ކިނާނަތުވަންހައިގެ މީހުންނޭވެ! ޤުރައިޝުންގެ އިސްވެރިޔާ ކުރާކަންތައް ނިކަން ދެކެބަލާށެވެ! އޭނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނާމެދު އެ އަމަލުކުރަނީ ކޮންގޮތަކަށް ހެއްޔެވެ؟" އެވާހަކަ އަޑުއިވިވަޑައިގަތުމުން އަބޫސުފްޔާނު ވަރަށް ބޮޑަށް ސިހިވަޑައިގެންނެވިއެވެ. އެހެންކަމުން އޭނާ މުސްލިމުންނާ ވާހަކަ ދެއްކެވިއިރު މިނުކުތާއަށް އަލިއަޅުއްވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުންކުރެ ޤަތުލުވީމީހުންނަށް އެކިޒާތުގެ އަނިޔާކޮށްފައި ހުންނާނެއެވެ. އެއީ އަހަރެން އަމުރުކުރި ކަމެއްނޫނެވެ. އަހަރެން އެކަމަކާ ހިތާމައެއްވެސް ނުކުރަމެވެ."

މުސްލިމުންގެ ޝަހީދުންނާމެދު ދުޝްމިނުން އިސްވެދެންނެވިފަދަ ލާއިންސާނީ ޢަމަލުތަކެއް ކުރިކަމުގައިވިޔަސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މުޝްރިކުންކުރެ ޤަތުލުވީ މީހުންގެ ހަށިތަކަށް ހާނިއްކަކޮށް މުޘަލާކުރުން ވަރަށް ވަރުގަދަޔަށް މަނާކުރައްވައިފައެވެ. އެހަށިތަކުގެ ޙުރުމަތް ކެނޑޭނެ އެއްވެސް ކަމެއް ނުކުރަން އިސްލާމީ ލަޝްކަރަށް ބަވަސްކޮށް އަންގަވައިފައެވެ. އިސްލާމީ ތަޙްރީކުގެ އުސޫލުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް އުސޫލަކީ އިންސާނިއްޔަތަށް އިޙްތިރާމްކުރުމެވެ. އަނެކުން އަޚްލާގީ ގޮތުން ދަށުދަރަޖަޔަކަށް ވެއްޓިގަތްކަމުގައިވިޔަސް މުސްލިމުން އެކަން ނަކަލުކުރާކަށެއް އިސްލާމީ ތަޙްރީކު ހުއްދައެއްނުދެއެވެ.

  1. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ އުންމަތަށް ދެއްވަމުންގެންދެވި ރީތި ތަރްބިޔަތާއި، ހަނގުރާމައިގެ މައިދާނުގައި ދަސްކޮށްދެއްވައިފައިވާ އިންސާނީވަންތަކަން ސާބިތުކޮށްދޭ އެއް ޙާދިޘާއަކީ އަބޫ ދުޖާނާ ރަޟިޔަﷲ ޢަންހު ހަނގުރާމައިގެ މައިދާނުން ދެއްކެވި ރީތި މިސާލެކެވެ. އެކަލޭގެފާނު ކަނޑިކޮޅުގެ މިޔަމައްޗަށް ހިންދުބިންތި ޢުތުބާއަށް ނިކުމެވަޑައިގެންނެވުނު ހިނދުގައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކަނޑިކޮޅު އަބޫދުޖާނާ ރަޟިޔަﷲ ޢަންހުއަށް ދެއްވި ވާހަކަ ކުރިންވަނީ ބަޔާންކުރެވިފައެވެ. އަބޫދުޖާނާ މުޝްރިކުންގެ ސަފުތައް ފަޅުއްވަމުން އެބައިމީހުންގެ ވަރުގަދަ އަބްޠާލުންތައް ހޮއްވަވައި ލައްވަމުން ކުރިޔަށް ވަޑައިގަންނަވަނިކޮށް މުޝްރިކުންނަށް މާވަރުގަދަޔަކަށް ހަނގުރާމައަށް ހިތްވަރުދެމުން ގެންދާ މީހަކު ފެނިވަޑައިގެންނެވިއެވެ. އެމީހަކީ ހިންދު ބިންތި ޢުތުބާއެވެ. އެކަމަނާގެ ހިތްޕުޅުގައި މުސްލިމުންނާމެދު އޭރު އޮތް ޢަދާވާތްތެރިކަން މިމަޒްމޫނު ވިދާޅުވާ ބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައެވެ. އަބޫދުޖާނާއަށް ހިންދު ފެނިވަޑައިގެންފައި އެކަމަނާއަކީ އަންހެނެއްކަމެއް އެނގިވަޑައެއް ނުގެންނެވިއެވެ. ހިންދު ހެދުން އަޅުއްވައިގެން ހުންނެވި ގޮތުންނެވެ. އަބޫދުޖާނާ ހިންދާ ޙަމަލަދެއްވައި ދެންމެދެންމެ ޤަތުލުކޮށްލައްވަފާނެކަން ހިންދަށް އެނގިވަޑައިގަތުމުން އެހީއަށް އެދިވަޑައިގެން ހަޅޭފުޅުލައްވައިގެންނެވިއެވެ. ހިންދުގެ އަޑުފުޅު އިވިވަޑައިގެންނެވުމުން އަބޫދުޖާނާއަށް އެއީ އަންހެނެއްގެ އަޑުކަން އެނގިވަޑައިގެންނެވިއެވެ. އަބޫދުޖާނާ އެކަލޭގެފާނު ބޭލުއްވި ކަނޑިއެތިފަހަރު މަތަކުރައްވައި ކަނޑިކޮޅު ދުރަށްލެއްވިއެވެ. އެކަލޭގެފާނުގެ ކަނޑިކޮޅު ހިންދުގެ ކަނދުރާފުޅުގައި ބީހެން ކައިރިވެފައި ވަނިކޮށެވެ. އަބޫދުޖާނާ އެކަލޭގެފާނުގެ ކަނޑިކޮޅު އެއްފަރާތްކޮށްލެއްވީ ކީއްވެގެންކަން އެކަލޭގެފާނުވަނީ ވިދާޅުވެދެއްވައިފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުން އެގޮތަށް ކަންތައް ކުރެއްވީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވައިފައިވާ ކަނޑިކޮޅެއް އަންހެނެއްގެ ލެއިން ކަޅިކުރެއްވުމަކީ އެކަނޑިކޮޅުގެ ވެރިޔާ ދެއްވި އަޚްލާޤީ ފިލާވަޅާ ކުފޫހަމަވާ ކަމަކަށް ނުވާތީއެވެ.

  1. އުޙުދު ހަނގުރާމައިގައި މުސްލިމު އަންހެނުން ވަނީ ވަރަށް ބުޠޫލަތްތެރި ދައުރެއް އަދާކޮށްފައެވެ. އީމާނާއި، ހިތްވަރާއި، ކެތްތެރިކަމާއި، އިސްލާމީ ތަޙްރީކަށް ވަފާތެރިވުމުގެ ނާދިރު ނަމޫނާތަކެއް ދައްކައިފައެވެ. އެކަމުން އެނގެނީ އިސްލާމީ ތަޙްރީކުގެ ޤާއިދު އަދި އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުސްލިމު އަންހެނުނަށް ދެއްވަމުން ގެންދެވި ފުރިހަމަ ތަރްބިޔަތެވެ. ޖާހިލިއްޔަތުގައި އަންހެނުން "ގާކޮށްފައި" ތިބި ކަމުގައިވިޔަސް އިސްލާމީ ތަޙްރީކު އެކަނބަލުން ހަރަކާތްތެރި ކުރުވައިފައިވާކަމެވެ. މުޖްޠަމައުގެ ދެބައިކުޅައެއްބައިކަމުގައިވާ އަންހެނުން ޖަމާޢަތުގެ ތަރައްޤީގައި އެކަނބަލުންގެ ދައުރު އަދާކުރަން ތައްޔާރުކޮށްފައިވާކަމެވެ.

ވޭތުވެދިޔަ ތާނގައި އަޅުގަނޑުވަނީ އައްސައްޔިދާ ނުސައިބާ ބިންތި ކަޢުބު އަލްމާޒިނިއްޔާ ރަޟިޔަﷲ ޢަންހާ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދިފާއުގައި އައްޑަނަކޮޅަކަށް ވެވަޑައިގެންނެވި ވާހަކަ ބަޔާންކޮށްފައެވެ. އައްސައްޔިދާ ނުސައިބާ އުޙުދު ހަނގުރާމަޔަށް ނިކުމެވަޑައިގަތީ މުޖާހިދުންނަށް ފެންދެއްވުށްޓަކައެވެ. ޒަޚަމީންނަށް ބޭސްފަރުވާ ކޮށްދެއްވުމަށްޓަކައެވެ. އިސްލާމީ ލަޝްކަރަށް ޑޮކްޓަރީ ޚިދުމަތާއި ނަރުހުންގެ ޚިދުމަތްދެއްވި ޞަޙާބިއްޔާތުންގެ ތެރޭގައެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ވައިބަދަލުވެ މުޝްރިކުން އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަށައިލުމާއެކު ނުސައިބާ އެކަމަނާ ގެންގުޅުއްވި ފެންހަން އެއްލައިލެއްވިއެވެ. ކަނޑިކޮޅު ހިއްޕަވައިގެން ދުވެވަޑައިގެންފައިވަޑައިގެން ކައުސާހިބާ ދިފާއުކުރައްވާން ފެއްޓެވިއެވެ. އިތުރު ސާހިބާގެ ދިފާއުގައި އެކަމަނާ ހަނގުރާމަކުރެއްވީ ފިރިހެން ފަހުލަވާނަކަށް ފުކެއްވެސް ދޫނުކުރައްވައެވެ. އިތުރުސާހިބާގެ ކުރިފުޅުމަތީންނާއި، ފަހަތްޕުޅުންނާއި ކަނާތްޕުޅު ފަރާތުންނާއި ، ވާތްޕުޅު ފަރާތުން އެކަމަނާ ހަނގުރާމަކުރެއްވިއެވެ.

އުޙުދު ހަނގުރާމައިގެ ދެވަނަ މަރްޙަލާގައި ފިރިހެނުން ކުރެ މަދުބަޔަކު ފުރަގަސްދީފައި ފިލަންދުވިއެވެ. އޭގެތެރެއިން އެއްބަޔަކު އުޙުދު ފަރުބަދަ މައްޗަށްއެރިއެވެ. އަނެއްބަޔަކު ދުވެފައިގޮސް މަދީނާއަށް ވަންނަން ދިމާކުރިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އާޔާ އައްސައްޔިދާ އުއްމު އައިމަން ރަޟިޔަﷲ ޢަންހާއަށް އެމީހުން ފެނިވަޑައިގެންނެވުމުން އެމީހުނަށް ކޯފާވެ މަލާމާތުން ހިތްވަރުދެއްވައި އަނބުރާ މައިދާނަށް ފޮނުއްވައިލެއްވިއެވެ. އެއަށްފަހު ޚުދު އުއްމު އައިމަނުވެސް ދުވެވަޑައިގެންފައި މައިދާނަށް ވަޑައިގެން މުޖާހިދުންނަށް ފެންދެއްވައި ޒަޚަމީންގެ ގައިކޮޅުގައި ބޭސްއަޅުއްވައި ދެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.

އިސްލާމީ މުޖްތަމަޢުގެ އެންމެ އަބުއި އެންމެ "ނާމާން" އަންހެން ސާހިބާއިންވެސް އެނާޒުކުވަގުތުގައި އެކަނބަލުންގެ ގެކޮޅުތަކުން ނުކުމެވަޑައިގެން ދުވެވަޑައިގެންފައި މައިދާނަށް ވަޑައިގެންނެވިއެވެ. އެބޭކަނބަލުންގެ ހަރުވާޅުކޮޅުތަކުގެ ފައިކުރިފުޅު އޮޅައިލެއްވުމަށްފަހު ފެންހަންތައް ބުރަކަށިފުޅު މައްޗަށް ލައްވައިގެން ރަންމަން ފުއްލާތަކެއްގެ މިސާލުގައި އުޙުދުގެ މައިދާނުގައި ކޮޅުކޮޅަށް ދުވެވަޑައިގެން މުޖާހިދުންނަށް ފެންދެއްވިއެވެ. ޒަޚަމީންނަށް ހޭހަންކުރެއްވިއެވެ. ޝަހީދުންގެ ހަށިކޮޅުތައް އުފުއްލަވައިދެއްވިއެވެ.

(ނުނިމޭ)

infinity loading...
×
DB released 01.