ފަތުވާދޭ މަޖިލީހުގެ އިދާރާއެއް ހުޅުވައިފި

އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖުލީގެ އިދާރާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އއެ އިދާރާ އިސްލާމިކް މިނިސްތަރު އިފްތިތާހު ކޮށްދެއްވަނީ--

ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކެޑެމީ އުވާލައި، އުފެއްދި އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖުލީގެ އިދާރާ މިއަދު ރަސްމީކޮށް އިފްތިތާހުކުރައްވައިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެ އިދާރާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އިދާރާ އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު އެވެ.

މިއަދު އިފްތިތާހު ކުރި އެ އިދާރާގެ ރައީސް ކަމަށް އައްޝައިހު މުހައްމަދު ރަޝީދު އިބްރާހިމް އައްޔަނުކޮށްފައިވާ އިރު ނާއިބު ރައީސްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ ޝައިހް އިބްރާހިމް އަހުމަދެވެ. އޭގެ އިތުރުން އެ އިދާރާގައި ތިއްބަވާ މެމްބަރުންނަކީ ޝައިހް މޫސާ އަންވަރު ހަސަންއާއި ޝައިހް ހަސަން ތައުފީގް އަދި ޝައިހް އިސްހާގު މުހައްމަދު މޫސާފުޅެވެ.

މިހާތަނަށް ހަތަރު ފަތުވާ އަކާއި ދެ އިރުޝާދު އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖުލީގެ އިދާރާއިން ނެރެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒިޔާދު ވިދާލޫވީ ފަތުވާ މަޖުލީހުގެ މެމްބަރުންނަށް އިތުރު ތަމްރީނާއި ޕްރޮގްރާމުތައް ހިންގުމުގެ ގޮތުން އެ އިދާރާގެ މެމްބަރުން މިސްރުގެ ފަތުވާ މަޖުލީހުގެ މެމްބަރުންނާ އެކު ކޯހެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސޫދާނުގެ ފަތުވާ މަޖުލީހުގެ ރައިސާއި މެމަބަރުން ރާއްޖެ ވަޑައިގެން ފަތުވާ މަޖުލީހުގެ މެމްބަރުންނަށް އިރުޝާދު ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިއަދު އިފްތިތާހު ކުރި މަޖުލީހުގެ ސަބަބުން ބޭރުގެ ފަތުވާ ދޭ މަޖުލީސްތަކާ އިތުރު ގުޅުންތަކެއް ބަދަހިވެގެން ދާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

comment ކޮމެންޓް