'ވީރޭ ދީ ވެޑިން'ގެ އިންސްޓަގްރާމް އެކައުންޓު ހެކް ކޮށްފި

ކަރީނާ ކަޕޫރު ޚާން އަދި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފިލްމު 'ވީރޭ ދީ ވެޑިން' ގެ އިންސްޓަގްރާމް އެކައުންޓު ހެކް ކޮށްލައިފި އެވެ.

ފިލްމުގެ އޮފިޝަލް އެކައުންޓަކީ ޝޫޓިން ކުރިއަށްދާ އިރު ހިނގާ ހެއްވާ މަޖާ ކަންތައްތަކާއި އަދިވެސް ފިލްމާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ސަޕޯޓަރުންނާ ހިއްސާ ކުރުމަށް ބޭނުން ކުރަމުން ދިޔަ އެކައުންޓެކެވެ.

ނަމަވެސް އިއްޔެގެ ވަގުތެއްގައި 90 ވަރަކަށް މިނެޓަށް ފިލްމުގެ އެކައުންޓު ވަނީ ހެކް ކޮށްފައެވެ. އަދި ޕްރޮފައިލް ފޮޓޯ އާއި ޕްރޮފައިލް ބަޔޯ ވެސް ވަނީ ބަދަލު ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެކައުންޓު ހެކް ކޮށްފައި ވަނީ ޕާކިސްތާނު ރައްޔިތެކެވެ. އެއީ އެކައުންޓުގެ ތައާރަފުގައި ޕާކިސްތާނު ދިދައިގެ އިތުރުން "އަހަންނަކީ ޕާކިސްތާނު ޕާޕޫ ބާއީ" ކަމަށް ލިޔެފައި ވާތީ އެވެ.

އޭގެ އިތުރުން އެކައުންޓު ހެކް ކުރި މީހާ ވަނީ އެކައުންޓު ދޫކޮށްލާނީ އޭގެ ބަދަލުގައި އޭނާއަށް ފިލްމުން ރޯލެއް ދޭން އެއްބަސްވުމުން ކަމަށް ވެސް ބުނެފައެވެ.

އެ ޑިމާންޑުގެ ސަބަބުން ފިލްމުގެ ޔުނިޓަށް ހައިރާން ކަމެއް ލިބުނު ނަމަވެސް، މިހާރު ވަނީ އެކައުންޓު އަލުން ހޯދައިފައެވެ. އަދި ޕްރޮފައިލް ވެސް މިހާރު ވަނީ ރަނގަޅު ކޮށްފައެވެ.

comment ކޮމެންޓް