ބޭހާ ނުކުޅުމަށް ވިދާޅުވެ މޫސަ އެމްޑީޕީ އަށް ބަހުގެ އިންޒާރެއް ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، ރައީސް ޔާމީނާ އެކު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރު ހިންގާ ޕީޕީއެމަށް ނޭނގޭ ސިޔާސީ ހަރަކާތެއް ރާއްޖޭގައި ނުހިންގޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިދިކޮޅު އެމްޑީޕީއަށް ވަރުފަދަ އިންޒާރެއް ދެއްވައިފި އެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވީ މިއަދު އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު ކަމަށެވެ. މޫސަ ވަނީ ބަޑިބޭހާ ނުކުޅުމަށް ގޮވާލައި ކިޔާ ރައިވަރެއް ވިދާޅުވެވެފަ އެވެ.

"އަޅުގަނޑުމެންނަށް ނޭނގޭ ސިޔާސީ މަސައްކަތެއް މިރާއްޖެއަކު ނުހިންގޭނެ. މިދަންނަވަނީ އެމްޑީޕީގެ އަޅުގަނޑުގެ އަޚް އެކްޓިވިސްޓުންނަށް. ބޭހާއި ނުކުޅޭތި ބަޑި. ނޭނގި ހުއްޓައި އަނދައިދާނެ. ގޭމަކޮޔާ ފިހިދާނެ. މިއަކީ ތޯތޯ ވާހަކައެއް ނޫނޭ. އަޅުގަނޑުމެން މިއަދު މިތިބީ ޕީޕީއެމްގައި ރައީސް ޔާމީނާ އެކީގައި. އިނގޭތޯ. ގޮނަކަށް ގޮނެއް އިންނާނެ. ސިޔާސީ ގޮތުން އޮންނަ ކަމެއް އެއީ. ދެން މިވާހަކަ ތިޔަ ބޭފުޅުން ބޭނުން ގޮތަކަށް ތަރުޖަމާކޮށްފައި ނޫހުގައި ލިޔާގޮތަކަށް ލިޔުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް،" މޫސަ ވިދާޅުވި އެވެ.

އެއްޕާޓީ އަނެއް ޕާޓީއާ ތަޅާފޮޅުން ޕީޕީއެމް އިން ހުއްޓާލައިފި ކަމަށް ވިދާޅުވެ އެ ސަގާފަތް އަލުން ރާއްޖެއަށް ގެންނަން ނޫޅުމަށް މޫސަ ވަނީ ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެން ނިންމާލީ އެއްޕާޓީން އަނެއްޕާޓީއާ ތަޅާފޮޅުމާއި އެއްބަޔަކު އަނެއްބަޔަކާ އެކީގައި އެރަށަށް ސިޔާސީ މަސައްކަތު ދިޔައިމާ ގާ އުކުން އަޅުގަނޑުމެން ހުއްޓާލައިފިން. އެ ސަގާފަތް އަލުން ގެންނަން ނޫޅުއްވާ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރަށްރަށަށް ދިޔުމުން ގާއުކައި ކަޅުތެޔޮ ޖަހާތީ އެ ރަށްރަށަށް ނޭރި ތިބެން ޖެހޭ ކަމަށެވެ. ނަމަވެސް އެއީ އަޅުގަނޑުމެން އުޅެންވީ އުސޫލުތޯ ވިދާޅުވެ މޫސަ ވަނީ ސުވާލު ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތަކުގެ ގޮނޑިތައް ވަނީ ހުސްވެފައި ކަމަށާއި ރަށްރަށަށް ގޮސް ޕީޕީއެމް އިން މިހާރު ކުރާ ކަމަކީ އެ ދާއިރާތަކުގެ ބައި އިލެކްޝަންސްތަކަށް ކެމްޕެއިން ކުރުން ކަމަށް މޫސަ ވިދާޅުވި އެވެ.

"މިހާރު އެއޮތީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކެއް ހުސްވެފައި. އެ ގޮނޑިތަކަށް ޕީޕީއެމް އިން ކެމްޕެއިން މިކުރަނީ. މި ކުރަނީ ކެމްޕެއިން. މި ކުރަނީ ކެމްޕެއިން ވަރަށް ކެރިގެން މިދަންނަވަނީ. އަޅުގަނޑާ ޗެލެންޖު ކުރައްވަންޏާ ވަޑައިގަންނަވާ. މިކުރަނީ ކެމްޕެއިން. ގޮނޑިތައް ވެސް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޮވާނަން،" މޫސަ ވިދާޅުވި އެވެ.

ޕީޕީއެމް ކުރިއަށްދަނީ ތަރައްގީއާ އެކު ކަމަށާއި ބައި އިލެކްޝަންތައް އެޕާޓީން ކާމިޔާބު ކުރަން ބޭނުން ވަނީ ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން ގެނައުމަށް ކަމަށް މޫސަ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ އަނިޔާގެ ވާހަކަދައްކައިގެން އެމްޑީޕީން ރައީސް ޔާމީން ފްރޭމްކުރަމުން އަންނަ ކަމަށާއި އެއީ ރާއްޖޭގައި ގާނޫނު ތަންފީޒުކުރާ ވެރިއަކަށް ރައީސް ޔާމީންވީތީ އެކަން ހުއްޓުވަން ކުރާ ކަމެއް ކަމަށެވެ.

comment ކޮމެންޓް