ގްރީން ސްޓްރީޓްސް 25،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގައި ރެފްރީ ނިއުޝާދުގެ ނިންމުމަކާ ގުޅިގެން މެޗު ހުއްޓުމަކަށް ދިއުމާއެކު ރެފްރީން އަދި މެޗު ކޮމިޝަނަރު މަޝްވަރާކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ކްލަބް ގްރީން ސްޓްރީޓްސް 25،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ގްރީން ޖޫރިމަނާ ކޮށްފައިވަ ވަނީ މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ 53 ވަނަ މިނެޓުގައި ރެފްރީ މުހައްމަދު ނިއުޝާދުގެ ނިންމުމެއްގެ ސަބަބުން ގްރީންގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރުމާއެކު މެޗު ހުއްޓާލަން ޖެހުނު ހާދިސާއާ ގުޅިގެންނެވެ.

އެ މައްސަލަ ބަލާފައި ވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ. އެގޮތުން އެ ކޮމިޓީގެ ޑިސިޕްލިނަރީ ކޯޑުގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގްރީން ވަނީ 25،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑު ދަށުން އެފަދަ ކަންކަމަށް ދެވޭ އެންމެ ހަރުކަށި އަދަބު ދެވޭނެ ކަމަށް އަންގައި ގްރީނަށް ވަނީ އިންޒާރު ދީފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު 2017ގެ ގަވާއިދުގެ 11:6 އާއި 11:7އަށް ރިއާޔަތްކޮށް އެ މެޗުން މާޒިޔާ މޮޅުވެ، ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ލިބިފައިވާ ކަމަށް އެފްއޭއެމުން ވަނީ ކުރިން ނިންމާފައެވެ.

އެ މެޗުގެ މައްސަލާގައި ރެފްރީ ނިއުޝާދު ސަސްޕެންޑްކޮށް، އެފްއޭއެމްގެ ރެފްރީސް ޑިފާޓްމަންޓާ ހަވާލުވެހުރި އަހްމަދު އަމީޒު މަގާމުން ވަކިކޮށްފައިވެއެވެ. ނިއުޝާދު ސަސްޕެންޑްކުރީ ދިވެހި ޕްރިމިއާ ލީގުގައި ގިނަ ކްލަބުތަކަކުން ތަކުރާރުކޮށް ނިއުޝާދުގެ މައްސަލަތަކެއް ހުށަހަޅާފައިވާތީ އެ މައްސަލަތައް އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓުން ބަލައި، ވަކި ގޮތެއް ނިންމަންދެން އެ އެސޯސިއޭޝަނުން ހިންގާ އެއްވެސް މުބާރާތެއްގެ ރެފްރީކަން ނުކުރެވޭ ގޮތަށެވެ.

މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ކުޅުން ހުއްޓުމަކަށް ދިޔައީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީންގެ ސުބޮލް އިލިއާ، ރެފްރީ ނިއުޝާދާ ދިމާލަށް ހުތުރު ބަހެއް ބުނި ކަމަށްބުނެ ދެވަނަ ރީނދޫ ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ރެފްރީ ނިއުޝާދު އެގޮތަށް ނިންމި ނަމަވެސް، އިލިއާ އަދި ގްރީނުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެސް ބުނަމުންދިޔައީ އޭނާ ބުނީ ހުތުރު ބަހެއް ނޫން ކަމަށެވެ. ކުރިން ވެސް ނިއުޝާދު ރެފްރީކަން ކުރި މެޗުތަކުގައި އޭނާގެ ނިންމުންތަކާ މެދު ގްރީނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ.

އިލިއާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި ހާދިސާގެ އިތުރުން ދެވަނަ ހާފަށް އެހެން ރެފްރީއެއް އެރުމުން، އެކަމުގެ ޝަކުވާތައް ވެސް ގްރީނުން ހުށަހަޅަމުންދިޔައެވެ. ގްރީނުން ބުނަމުންދިޔައީ ދެވަނަ ހާފުގައި ރެފްރީ ބަދަލު ކޮށްފައިވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ. ކުޅުން މެދުކެނޑުމަކަށް ދިއުމަށްފަހު އަލުން ފެށުމަށް ރެފްރީ އިޝާރާތްކުރި ނަމަވެސް، ރެފްރީ ނިއުޝާދާއެކު މެޗު ކުރިއަށްގެންދަން ގްރީނުން ބޭނުންނުވާކަން އެ ކްލަބުން ނިންމިއެވެ.

comment ކޮމެންޓް