މެޑަމް ފާތުން އެކަނިވެސް އިދިކޮޅު ފަރާތްތައް ބަލިކުރާނެ: މިނިސްޓަރު ސައީދު

18 އޮގަސްޓް 2017: ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާސީ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކާ ވާދަކޮށްފި ނަމަ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ކާމިޔާބު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހއ. ދިއްދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ވާދަ ކޮށްގެން މެޑަމް ފާތުން ކާމިޔާބު ކުރާނެ ކަން ޔަގީން ކަމަށެވެ.

"މެޑަމް ފާތުންގެ ޓީމާ އެކަނިވެސް މިއުޅޭ ކޯލިޝަނަށް ވާދަ ނުކުރެވޭނެ. އަދި ރައީސް ޔާމީން ބަހައްޓަވާ. ރައީސް ޔާމީން އާ ޕީޕީއެމް ވެސް ބަހައްޓަވާ. މެޑަމްގެ ޓީމާ އެކަނިވެސް ކޯލިޝަނަށް ވާދަނުކުރެވޭނެ. އަރާބަލަ ނިކަން ޕޯޑިއަމަށް. މެޑަމް ފާތުން އެކަނި ތިބޭފުޅުން ބަލިކުރާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ މުހައްމަދު ތަކުރުފާނު ފަދަ ބަތަލެއް ކަމަށް ސިފަކުރައްވަމުން ސައީދު ވަނީ ރައީސް ޔާމީނަށްވެސް ތައުރީފު ކުރައްވާފަ އެވެ.

"މުހައްމަދު ތަކުރުފާނު ދެއްކެވި ފިލާވަޅު އެެއަށްވުރެ މާ ކަނޑު ގަދައިރު އެއަށްވުރެ މާ މިގައުމަށް ފިއްތުންތައް ބޮޑުއިރު އެތެރޭންނާއި ބޭރުން ފިއްތާއިރު މިއަުދ މި ހިނިތުންވުމާއެކު ރައީސް ޔާމީނޭ މިގައުމަށް ދައްކަވަނީ" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ގައުމުގެ މިނިވަން ކަމާ ދީނާ ކުޅެންލަން އަންނަ ކޮންމެ ފަހަރަކު ރައީސް ޔާމީން ފަދަ ހިއްވަރު ގަދަ ލީޑަރުން މިގައުމަށް ލިބޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައްޔިތުން ހޮވަންވީ ރައީސް ޔާމީން ފަދަ " ކޫލް" ރައީސެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ދިއްދޫ ދާއިރާ އާއި މުޅި ލ. އަތޮޅު ވެސް ރައީސް ޔާމީން ތަރައްގީ ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް