ރޮހިންގާ ހަނގުރާމަވެރި ގްރޫޕަށް ސަޕޯޓްކޮށްލާ ހުރިހާ އެއްޗެއް ފޭސްބުކުން ނަގަނީ

ބަންގާޅު ސަރަހައްދުގެ އެންމެ ދުރަށް މިޔަންމާ ބޯޑަރާއި ކައިރީގައި އޮންނަ މަސްވެރި ސަރަހައްދެއް ކަމަށްވާ ޝަދިއްޕަރު ސަރަހައްދު---ސަން ފޮޓޯ

މިޔަންމާގެ ސަރުކާރުން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުންދާ ރޮހިންގާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަރަކާން ރޮހިންޔާ ސެލްވޭޝަން އާމީ (އަރުސާ) އާ ގުޅުންހުރި އަދި އެ ޖަމާއަތަށް ހިތްވަރުދީ ފޭސްބުކަށް ލާފައި ހުންނަ ލިޔުންތަކާއި ފޮޓޯތައް ފޭސްބުކުން ނަގަން ފަށައިފި އެވެ.

ނުރައްކާތެރި ގްރޫޕްތަކުގެ ލިސްްޓަށް އަރުސާ ލައިފައިވާކަން ފޭސްބުކުގެ ސްޕޯކްސް ޕާސަން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ޓެރެރިޒަމާއި މީހުން މެރުމާއި އަދި ފިތުނަ ފަސާދާ އުފައްދާ ލިޔުންތަކާއި ފޮޓޯތައް ފޭސްބުކުން ނަގައި ހަދަ އެވެ.

ފޭސްބުކުން އަރުސާއަކީ ޓެރެރިސްޓް ޖަމާއަތެއްކަމަށް ބުނެ އެ ޖަމާއަތާ ގުޅޭ އެއްވެސް އެއްޗެއް ފޭސްބުކުގައި ޝާއިއުކުރުން މަނާކޮށްފައިވާ އިރު މިޔަންމާގެ އަނިޔާވެރި ސަރުކާރުގެ ސިފައިން ހިންގާ ފޭސްބުކު ޕޭޖާ ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާތީވެ ފޭސްބުކަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އަރުސާ އިން އޮގަސްޓު މަހު ދިން ޓެރެރިސްޓް ހަމަލާތަކެއްގައި މިޔަންމާ ސަރުކާރު ސިފައިންގެ 12 މީހަކު މަރުވި ހާދިސާއަށް ފަހު މިޔަންމާ ސަރުކާރުން ވަނީ އެ ޖަމާއަތަކީ ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ފޭސްބުކުގައި އަރުސާ މުޅިން މަނާކޮށްފައިވާތީވެ މިޔަންމާގެ ލީޑަރު އަޔުންގް ސެން ސޫޗީގެ ސްޕޯކްސް ޕާސަން ޒައު ހުތޭ ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. ޒައު ފޭސްބުކުގައި ޝާއިއު ކުރި މެސެޖުގައި ވަނީ އަރުސާ އަށް ސަޕޯޓްކޮށް ލިޔެފައި ހުންނަ އެއްޗެތި ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އަރުސާ އިން މީގެ ކުރިން ޓުވިޓާގައި ޝާއިއުކުރި ލިޔުމެއްގައި ވަނީ މިޔަންމާ ސަރުކާރުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ދެކޮޅަށް ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްގު ލިބިފައިވާކަމަށް ބުނެފަ އެވެ.

ފޭސްބުކުން އަރުސާ މުޅިން މަނާ ކޮށްފައިވާއިރު މިޔަންމާ ސިފައިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކޭ ބެހޭ ލިޔުންތަކާ ފޮޓޯތައް ފޭސްބުކުން ނަގާ ކަމުގެ ޝަކުވާ ވެސް ވަނީ ވަރަށް ގިނަ ރޮހިންޔާ އެކްޓިވިސްޓުން ދަނީ ކުރަމުންނެވެ.

މައުލޫމާތު: ދަ ގާޑީއަން

comment ކޮމެންޓް