ރޮހިންގާ މުސްލިމުން މަރަމުން ދާއިރު ދުނިޔެ ހިމޭނުން އޮތުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ޔާމީން

ރައީސް ޔާމީން ---ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސަ

ރޮހިންގާ މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު، ދުނިޔެ ހިމޭނުން އޮތުމަކީ ހިތާމަކޮށް ކަންބޮޑުވާ ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މާދަމާ ފެށޭ ހިޖުރީ އާ އަހަރާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިތާބުގައި، ރައީސް ވިދާޅުވީ ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު އިސްލާމީ އުއްމަތަށް ދީނާ ދެކޮޅު އަދުއްވުންގެ އަނިޔާވެރިކަން ކުރިމަތިވެފައިވާކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.

ރޮހިންގާ މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގައި ކުޑަކުދިންނާއި އެތައް ބަޔަކު މަރަމުން ގެންދާ ކަމަށާއި، ނަމަވެސް ބައިނަލް އަގްވާމީ މުޖުތަމުއިން އަޅާނުލައި އޮތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުސްލިމް އުޚްތުންނާއި އަޚުން މިއަދު ކުރިމަތިލާން ޖެހިފައިވަނީ، ލިބެމުންދާ ވޭނީ ހިތާމަތަކަށް ކެތްނުކުރެވޭފަދަ ނާމާންކަމާއި ބިރުވެރިކަމާއެވެ. ޚާއްސަކޮށް، މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމް އުޚުތުންނާއި އަޚުންނާއި އަދި ކުޑަކުދިންނާމެދު އަނިޔާވެރި ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު އަދި ކުޑަކުދިންނާއި އެތައްބަޔަކު މަރަމުން ގެންދާއިރު މިކަމާމެދު އަޅާނުލައި، ބައިނަލްއަގްވާމީ މުޖުތަމައު އޮތުމަކީ އަޅުގަނޑުމެން އެކަމާމެދު ވަރަށްބޮޑަށް ހިތާމަކޮށް، ކަންބޮޑުވާ މައްސަލައެކެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ބައިނަލް އަގުވާމީގޮތުން އެ މައްސަލައަށް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

ހިޖުރީ އާ އަހަރާ ގުޅިގެން ރައީސް ފޮނުއްވި ޚިތާބުގައި، ހިޖުރައިގެ އިބުރަތުން އިބުރަތް ލިބިގަނެ ދީނާއި ގައުމުގެ ދިފާއުގައި ކުރިއަށް ދިއުމުގެ ރޫހު އާލާ ކުރުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

comment ކޮމެންޓް