ޒިޔަތަށް ކުރާ 31 ދައުވާއެއްގެ އަޑުއެހުން އާދިއްތަ ދުވަހު

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައާ ގުޅިގެން އެ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 31 ދައުވާއެއްގެ އަޑުއެހުން އާދީއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

އެ ދައުވާތަކުގެ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

އާދީއްތަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވަނީ ޖުލައި މަހު ކޯޓަށް ފޮނުވާފައިވާ 23 މައްސަލައަކާއި، މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ފޮނުވާފައިވާ ހަތް މައްސަލައެއްގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހު ފޮނުވާފައިވާ މައްސަލައެއްގެ އަޑުއެހުމެކެވެ.

ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައިވަނީ، ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރި ރަށްތަކާ ގުޅިގެން ދައުލަތަށް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުން ކޮށްގެން ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ރަށްތަކެއް ދިންކަމަށް ބުނެ އެވެ.

ޒިޔަތާއި އަދީބު މިހާރުވެސް ގެންދަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

comment ކޮމެންޓް