''އޯލްޑް އިޒް ގޯލްޑް'' - އިންޑިއާ ކަލްޗަރަލް ސެންޓަރުން ބާއްވާ ދިވެހި މިއުޒިކް ޝޯއެއް!

އޯލްޑް އިޒް ގޯލްޑް" މިނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ 21:00ގައި، ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ދިވެހި ކުރީގެ ފަންނާނުންގެ މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އައިސީސީ

"ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ)ގުޅިގެން، ކުރީގެ ދިވެހި ފަންނާނުންގެ މިއުޒިކް ޝޯއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"އޯލްޑް އިޒް ގޯލްޑް" މިނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ 21:00ގައި، ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވާ މި މިއުޒިކް ޝޯ ޝަރަފްވެރިކޮށްދެއްވާނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ.

ދިވެހި މިއުޒިކީ ދާއިރާގެ ލެޖެންޑުންގެ ގޮތުގައި ފާހަގަކޮށްލެވޭ ގިނަ ފަންނާނުންތަކެއް ބައިވެރިވާ މި ޝޯގައި ލަވަތައް ހުށަހަޅައި ދޭނީ، އަބްދުﷲ ރަމީޒް، މަހްމޫދާ ޝަކީބް، ފާޠިމަތު ރައޫފް، އަބްދުއްރައުފު، ޝިފާ ތައުފީޤުގެ އިތުރުން ހަސަން ޖަލާލް އާއި އަހްމަދު އިބްރާހީމް ހިމެނެއެވެ.

ޝޯގައި ބައިވެރިވާ މިއުޒިޝަނުންގެ ތެރޭގައި، މޫސާ ރަޝީދު، އަލީ މޫސާ، މުޙައްމަދު މަނިކް، މުޙައްމަދު ތައުފީޤު، އަލީ ރައުފް، އަލީ ހައްމާދު އަދި އަހްމަދު ރާޝިދު ހިމެނެއެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު މުޙައްމަދު ޚާލިގު ސަންއަށް ވިދާޅުވީ، "އޯލްޑް އިޒް ގޯލްޑް" ޝޯއަކީ، ކުރީގެ ދިވެހި މިއުޒިކް ފަންނާނުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ޝަރަފްގައި ބާއްވާ ޚާއްސަ ޝޯއެއް ކަމަށެވެ.

ޚާލިޤު ވަނީ، ކުރީގެ ދިވެހި މިއުޒިކް ފަންނާނުންގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފައެވެ. އެގޮތުން، ކުރީގެ މަޝްހޫރު ސެކްސަފޯން ކުޅުންތެރިއާ މޫސާ ރަޝީދުގެ ހުނަރާއި، އަދި އެނޫނަސް ދެން ތިބި ލަވަކިއުންތެރީންނާއި މިއުޒިޝަނުންގެ ހުނަރަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ.

"މާ ޝާ ﷲ، އެއީ ހަމަ މިއުޒިކް ލެޖެންޑުން. އޭގެ ތެރޭގައި އެބަތިބި ބޮލީވުޑްގެ ފަންނާނުންނާވެސް ވާދަކޮށްލެވޭފަދަ ހުނަރުވެރި ފަންނާނުން. އެހެންވެ ރާއްޖޭގެ ކުރީގެ ދިވެހި ފަންނާނުންގެ ޝަރަފްގައި މިފަދަ ޝޯއެއް މި ބާއްވަނީ. އެ ފަންނާނުންގެ ހުނަރު އަދިވެސް ދައްކާލަން،" ޚާލިގު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ބިލަބޮންގު ހޯލްގައި ބާއްވާ ކުރީގެ ދިވެހި ފަންނާނުންގެ މިއުޒިކް ޝޯއަކީ އެއްވެސް އަގަކާ ނުލައި އާންމުކޮށް ހުރިހާ ފަރާތަކަށްވެސް ބަލައިލުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ ޝޯއެއްކަމަށް އައިސީސީން މައުލޫމާތުދެއެވެ.

comment ކޮމެންޓް