ދަރުމަވަންތަ ހޮސްޕިޓަލު އަންނަ އަހަރު ހުޅުވާނެ: ހެލްތު މިނިސްޓަރު  

ދަރުމަވަންތް ހޮސްޕިޓާލުގެ އެންމެ ފަހު ކޮންކްރިޓް މަސައްކަތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ނާޒިމް ވާހަކަދައްކަވަނީ--

އައިޖީއެމްޗާ ޖެހިގެން އިމާރާތްކުރަމުންދާ 25 ބުރީގެ އިމާރާތުގައި ގާއިމްކުރާ ދަރުމަވަންތަ ހޮސްޕިޓަލް އަންނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެ އިމާރާތުގެ އެންމެ ފަހު ކޮންކުރީޓް މަސައްކަތް ނިންމުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލް 500 އެނދުގެ ހޮސްޕިޓަލަކަށް ވެގެން ދާނެ ކަމަށެވެ. މިހާރު އައިޖީއެމްއެޗުގެ އެނދުގެ ކެޕޭސީޓީ އަކީ 250-300 އެވެ.

"ސަރުކާރުން އަމާޒުހިފަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ރައްޔިތުންނަށް ދެވޭ ހަދިޔާއެއްގެ ގޮތުގައި. މިއީ ކުޑަ މަސައްކަތެއް ނޫން، ބޮޑު މަސައްކަތެއް. މި މަސައްކަތް ފެށިގެން އަންނަނީ. ވިޝަންއަކުން. ލީޑާޝިޕަކުން،" ނާޒިމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓާލްގެ އިމާރާތުގެ އެންމެ ފަހު ކޮންކްރިޓް މަސައްކަތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ރާއްޖެ އިސްލާމްކުރެއްވި ދަރުމަވަންތަ ރަސްގެފާނުގެ ނަމުން ނަންދީފައިވާ ހޮސްޕިޓަލު ނިމުމުން އެންމެ މިޒަމާނުގެ ޑައިގްނޯސްޓިކް ފެސިލިޓީސް ގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން ލިބިގެން ދާނެ އިތުރު ބައެއް ޚިދުމަތްތައް

  • ދުނިޔޭގެ ފެންވަރުގެ ފިޒިއޮތެެރެޕީ އަދި ހައިޑްރޯތެރެޕީގެ ޚިދުމަތް
  • ލެބޯޓަރީ ޚިދުމަތްތައް އިތުރަށް ފުޅާކުރުން
  • އިތުރު އެމްއާރުއައި އަދި ސިޓީސްކޭން ގެ ޚިދުމަތް
  • އިތުރު ޕްރައިވެޓް އަދި ކޮންސަލްޓޭޝަން ރޫމްގެ ޚިދުމަތް
  • ކެތް ލެބްގެ ޚިދުމަތް އިތުރަށް ފުޅާކުރުން
  • އޯޕަން ހާޓް ސާޖަރީގެ ޚިދުމަތް

ދަރުމަވަންތް ހޮސްޕިޓާލުގެ އެންމެ ފަހު ކޮންކްރިޓް މަސައްކަތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަފުޅުދައްކަވަނީ ---

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވުމުން ނާޒިމް ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ދަރުމަވަންތަ ހޮސްޕިޓަލަކީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަަށް ހެދުން ކަމަށެވެ. އަދި ރާއްޖޭއިން ބޭރަށް ތަފާތު ބަލިތަކަށް ފަރުވާ ހޯދުމަށް ދާ ފަރާތްތައް އެ ހޮސްޕިޓަލު ހުޅުވުމުން މަދުވެގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ މަސައްކަތާއި އައްޑޫ ސިޓީގައި އިމާރާތްކުރާ އާ ހޮސްޕިޓަލްގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއެކު ކުރިއަށްދާ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އުސައިދު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އަދި އާ އިމާރާތުގެ އަމަލީ މަސައްކަތް ނުފެށޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް