ފްލެޓް ލިބުނު މީހުންގެ ތަފްސީޅް މިމަހުގެ 25ގެ ކުރިން މަޖިލީހަށް ފޮނުވުމަށް އެދެނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އެ ކޮމެޓީއަށް ހިއްސާކުރުމަށް ހައުސިން މިނިސްޓްރީގައި އެދުމަށް ނިންމާފައި -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ފޮނުއްވުމަށް ހައުސިން މިނިސްޓްރީގައި އެދުމަށް ނިންމައިފިއެވެ.

މަޖިލިސް ޗުއްޓީގައި އޮތް މި ދަނޑިވަޅުގައި މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަކީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ތިން މެންބަރެއް ސޮއިކޮށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. އެއީ ފްލެޓް ގުޅިގެން ރައްޔިތުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މާފަންނު ހުޅުނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހްގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލައެކެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ސަރުކާރަށް ތާއިދު ކުރާ މެންބަރުން ވެސް ވަނީ ފްލެޓް ދިނުމުގައި މައްސަލައެއް އުޅޭނަމަ އެކަމެއް ބެލެން ޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ފްލެޓާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މައްސަލަތަކެއް ބަލަމުންދާއިރު އެކަމުގެ ތެރެއަށް މަޖިލީހުން ވަނުމަކީ ބޭނުންތެރިކަމެއް ނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވިއެވެ.

"މި ފްލެޓް ތަކުގެ މައްސަލައަކީ ސަރުކާރުގެ އެކި އެކި ފްލެޓް ތަކާ ބެހޭ މުއައްސަސާތަކުން ބަލަމުންދާ މައްސަލައެއް. އަޅުގަނޑުމެން ބެލުމަށް ވުރެން މި މައްސަލަ ބެލުން އެންމެ އައުލާންކަން ބޮޑީ އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން،" ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދު ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވަނީ ކޮމެޓީގެ މައްސޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް ވުމުން އެކަމެއްގެ މުއާލާތް ކެނޑުމުގެ ކުރިން ކަން ހިގައިދާގޮތް އޮޅުން ފިލުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ފްލެޓް ދިނުމުގައި ގެންގުޅުނު އުސޫލާއި ފްލެޓް ލިބުނު މީހުންގެ މައުލޫމާތު، ލިބުނު ޕޮއިންޓްގެ އަދަދާ އެކު ސިއްރު މައުލޫމާތެއްގެ ގޮތުގައި ކޮމެޓީއަށް ހިއްސާކޮށްދެވޭނެ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބުނަނީ ފްލެޓް ލިބުނު މީހުނަށް ފްލެޓް ލިބެން ނުޖެހޭނެއެކޭ ނޫން. އެފަރާތްތަކަށް ވެސް ފްލެޓް ހައްގު. ނަމަވެސް އަޅުގަނޑުމެނެގެ އިޝޫއަކީ އެންމެ ހައްގުކަން ބޮޑީ ކޮން ފަރާތަކަށް ތޯ. އެންމެ ފުރަތަމަ ފްލެޓް ލިބެން ޖެހޭނީ ކޮންބައެއްތޯ،" ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމެޓީގެ އެ ބައްދަލުވުމަށް ހާޒިރުީ ޖުމުލަ 10 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާ ފަޅީގެ ފަސް މެންބަރަކާއި ސަރުކާރާ އިދިކޮޅު ފަސް މެންބަރެކެވެ. އެހެންކަމުން މައްސަލަ އެއްވެސް ގޮތަކަށް ފާސްނުވެ ދިގުލައިގެން ދެމިދާނެތީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވީ ދެ ފަރާތުން ވެސް އެއްބަސްވާ ގޮތަށް، ފްލެޓާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް މިމަހުގެ 25ގެ ކުރިން ކޮމެޓީއަށް ފޮނުއްވުމަށް ރިޔާސަތުން ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވުމަށެވެ.

"25 ވަނަ ދުވަހުގެ ކުރިން އެ މައުލޫމާތު ގެނައުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރާނަން،" ކޮމެޓީގެ މުގައްރިރު އަދި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް